ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 58އަށް ވުރެ ގިނަ މީހުންނަށް އިވިކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުން ވަނީ ފަރުވާދީފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާދީފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ.

އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:49 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ ރޭ 23:48 ހާއިރުގައެވެ.