ޕެނަލްޓީ އަކުން ޕެރަގުއޭ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި އޮތް ފްރާންސަށް ގަދަ ސޯޅަ ބުރުގައި ޕެރަގުއޭ ބަލިކުރަން އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުން ފްރާންސް މޮޅުވީ 70 ވަނަ މިނިޓްގައި ކެޕްޓަން އެމްބާޕޭ ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. ފްރާންސް މެޗު ކާމިޔާބުކުރީ 1-0 ނެވެ. އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި 68،324 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފްރާންސަށް ލިބުނީ މަދުފުރުޞަތެކެވެ. މެޗުގައި ޕެނަލްޓީ ދިނީ ބަދަލަކަށް ނިކުއިން ޑޫއޭ އަށް، ޕެރަގުއޭ ޑިފެންޑަރ ޑިއެގޯ ގޮމޭޒް ކުރި ފައުލަކަށެވެ. ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރުން ބެލުމަށްފަހުއެވެ.

އެމްބާޕޭ ޕެނަލްޓީ ކާމިޔާބުކުރީ ކީޕަރު އޯލަންޑޯ ގިލް ނުބައިފަޅިއަށް ހަރަކާތް ކުރުވުމަށްފަހު އެވެ. މިއީ މުބާރާތުގައި އެމްބާޕޭގެ ހަތްވަނަ ލަނޑެވެ. މިއަދަދަށް ދެން ލަނޑު ޖަހާފައިވަނީ އާޖެންޓީނާ ކެޕްޓަން މެސީއެވެ. އެމްބާޕޭ ވަނީ ލަނޑުގެ އިތުރަށް ދެ އެސިސްޓްވެސް ކޮށްފައެވެ. ވަރލްޑްކަޕްގައި ކުޅުނު 19 މެޗުން އެމްބާޕޭ ވަނީ 19 ލަނޑު ޖަހާފައެވެ. މިއަށްވުރެ އިތުރަށް ވަރލްޑްކަޕްގެ ތާރީޚުގައި ލަނޑު ޖަހާފައިވަނީ 20 ލަނޑު ޖަހާފައިވާ މެސީއެވެ.

ކްއާޓާ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ މޮރޮކޯއާއެވެ. މޮރޮކޯ އެންމެ ފަހުގެ ވަރލްޑްކަޕްގެ ސެމީއަށް ދަތުރުކުރިއެވެ. ފްރާންސަކީ މިދިޔަ ތިން ވަރލްޑް ކަޕްގައިވެސް ކްއާޓާ ފައިނަލަށް ދަތުރުކުރި ޓީމެކެވެ.