ކްރޮއޭޝިޔާ ރޮއްވާލަުމަށްފަހު، އިތުރު ވަގުތުގެ ލަނޑުން މޮޅުވެ ރޮނާލްޑޯގެ ޕޯޗްގަލް ފީފާ ވަރލްޑްކަޕްގެ ގަދަ ސޯޅަ ޓީމްގެ ބުރުގައި ސްޕެއިންއާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
ޕޯޗްގަލް ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ޓީމް ބުރުގައި ކްރޮއޭޝިޔާއާ ވާދަކުރި މެޗު 1-1 ން އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން ތިންވަނަ މިނިޓްގައި ގޮންކާލޯ ރާމޯސް ޖެހި ލަނޑުން މޮޅުވެގެންނެވެ. ރަފެއަލް ލެއޯ އަރިމަތިން ނެގި ހުރަސް ގޮންކާލޯ ރާމޯސް ބޮލުން ގޯލަށް ފޮނުވާލީ ގްވާޑިއޯލް އާއި ޕޮންގްރަސިޗް ކައިރީގައި ވިއްދާފައި ތިއްބާ ބޮލުން ޖަހައެވެ. އިތުރު ވަގުތު 10 މިނިޓް ދެއްކި ނަމަވެސް އޭގެ އެއްގުނަ އިތުރަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ 13 ވަނަ މިނިޓްގައި ގްވާޑިއޯލް ލަނޑެއް ޖަހާ ނަތީޖާ ހަމަހަކުރުމުން މުޅި ކްރޮއޭޝިޔާގެ ބެންޗާއި، ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް، ވީއޭއާރުން ބަލާ އޮފްސައިޑް ކަމަށް ނިންމިއެވެ. ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން ރެފްރީ ބެލިއިރު ގްވާޑިއޯލަށް ކްރޮއޭޝިޔާ ކުޅުންތެރިޔާ ބޯޅަ ދިނީ ވަރަށް ބޮޑަށް އޮފްސައިޑްގައި ހުރެއެވެ.


ދެޓީމްގެ ކެޕްޓަނުން ކުރިން ރެއާލްއަށް އެކުގައި ކުޅުނު: ފޮޓޯ-ފީފާ
މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލީޑް ނެގީ ކްރޮއޭޝިޔާއިންނެވެ. 53 ވަނަ މިނިޓްގައި ޕެރިސިޗްގެ ލަނޑުން ކުރި ހޯދާފައި ވަނިކޮށް، ޕޯޗްގަލް އިން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. ކޯނަރު ނެގިއިރު އޭރިޔާ ތެރެއިން ބޮލުން ޖަހަން އެރި ރެނާޓޯ ގައިގަ ހިފާ ވައްޓާލުމުން ރެފްރީ ޕެނަލްޓީ ދިނީވެސް ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން ބެލުމަށްފަހު އެވެ. ޕެނަލްޓީން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ ވަރލްޑްކަޕް ނޮކްއައުޓް މެޗެއްވައި ރޮނާލްޑޯގެ ފުރަތަމަ ލަނޑެވެ. މިމުބާރާތުގައި ތިންވަނަ ލަނޑެވެ. ޕެނަލްޓީގެ ކުރިން ރޮނާލްޑީ ޖެހި ރީތި ލަނޑެއްވެސް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ. ރޮނާލްޑޯގެ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތްތައް ޓެކްނޮލޮޖީގެ އެހީގައި ފެނެއެވެ. ކްރޮއޭޝިޔާގެ ކޮވަސިޗް ޖެހި ލަނޑެއްވެސް އޮފްސައިޑް ކަމަށް ނިންމީ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތުމުން، ވީއޭއާރުން ބެލުމަށްފަހު އެވެ.
މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ.