އިތުރު ވަގުތުގެ ދެވަނަ ހާފްގެވެސް ފަހުވަގުތު ލިބުނު ޕެނަލްޓީން ފީފާ ވަރލްޑްކަޕްގެ ގަދަ 16 އަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.
ބެލްޖިއަމް ގަދަ 16 އަށް ދަތުރުކުރީ ސެނަގާލް އިން ދެ ލަނޑުގެ ލީޑެއް ނގާފައިވަނިކޮށް، މެޗުގެ ފަހު ހަތަރު މިނިޓްގެ ތެރެއިން ތިން މިނިޓްގެ ތެރޭގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށް، އިތުރު ވަގުތަށް މެޗު ގެންގޮސްގެންނެވެ. 85 ވަނަ މިނިޓާ ހަމައަށްވެސް ސެނަގާލް އޮތީ ދެ ލަނޑުގެ ލީޑެއްގައެވެ. އެއީ ހަބީބު ޑިއާރާ ޖެހި ލަނޑާއި، ދެވަނަ ހާފްގެ ކުރީކޮޅު އިސްމާއީލް ސާ ޖެހި ލަނޑުންނެވެ. އެލީޑްގައި ސެނަގާލް އިން ގަދަ ސޯޅަ އަށް ދަތުރުކުރާނެ ކަމަށް ބެލެވިފައި ވަނިކޮށް، ތަރިން ގިނަ ބެލްޖިއަމް އިން ފުރަތަމަ ލަނޑު ޖެހީ 86 ވަނަ މިނިޓްގައެވެ. ލަނޑު ޖެހީ ތޯމަސް މެއުނިއާ ތަނަވަސްކޮށްދިން ފުރުޞަތަކުން ލުކަކޫ އެވެ. އޭގެ ދެ މިނިޓް ފަހުން ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުޞަތަކުން ޓިއެލެމަންސް ބޮލުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އެނަތީޖާގައި މެޗު ނިމުމުން ނަތީޖާ ނެރުމަށް 15 މިނިޓްގެ ދެހާފް ކުޅެން ޖެހުނެވެ.
15 މިނިޓްގެ ދެހާފްގެ ކުޅުން ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހަން ޖެހޭނެކަމަށް ބެލެވުނު ނަމަވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރޭގައި އޭރިޔާ ތެރެއިން ލަމިން ކަމާރާ ޓިއެލެމަންސް އަށް ކުރި ފައުލަކަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީން ބެލްޖިއަމް ގަދަ ސޯޅަ އަށް ދަތުރުކުރިއެވެ. މެޗުގެ ރެފްރީ ދަނޑުގެ އަރިމަތީގައި ބަހައްޓާފައި ހުރި ސްކްރީނުން ބެލުމަށްފަހު ދިން ޕެނަލްޓީ ކާމިޔާބުކުރީވެސް ޓިއެލެމަންސް އެވެ.
ސެނަގާލް އަކީ 3 ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. ގަދަ ސޯޅަ ޓީމް ބުރުގައި ބެލްޖިއަމް ވާދަކުރަން ޖެހޭނީ އެމެރިކާ ނުވަތަ ސެނަގާލް އާއެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފްގެވެސް ފަހުވަގުތު ލިބުނު ޕެނަލްޓީން ބެލްޖިއަމް ގަދަ 16 އަށް!
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed