އިތުރު ވަގުތުގައި މެޗު އެއްވަރުކޮށް، ޕެނަލްޓީގައި ކުރި ހޯދައިގެން މޮރޮކޯ ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މޮރޮކޯ ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ނެދަލެންޑްސް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. 1-0 ން ނެދަލެންޑްސް ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް، މޮރޮކޯއިން ނަތީޖާ ހަމަހަމަކުރީވެސް އިތުރު ވަގުތުގައެވެ. މެޗުގައި ނެދަލެންޑްސް އިން ލީޑް ނެގީ 72 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ސަމަވިލް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ނެދަލެންޑްސް މޮޅުވެ، މޮރޮކޯ ކަޓާނެކަމަށް ބެލެވުނަސް އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޓަލްބީ ތަނަަވަސްކޮށްދިން ފުރުޞަތުގައި އީސާ ދިއޮފް ލަނޑު ޖަހާ މެޗުގެ ނަތީޖާ ކަނޑައެޅުން އިތުރު ވަގުތުގެ ދެހާފަށް ދަންމާލިއެވެ. އެކަމަކު 15 މިނިޓްގެ ދެހާފުންވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީގައި މޮރޮކޯ ކުރި ހޯދީ 3-2 ނެވެ.

ޕެނަލްޓީގައިވެސް ނެދަލެންޑްސްގެ ފުރަތަމަ ޕެނަލްޓީ ކޫޕްމެއިނާސް ކާމިޔާބުކުރި އިރު، މޮރޮކޯގެ ނެއިލް އަލް އައިނޯއޯގެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެކަމަކު ޕެނަލްޓީއަށް އެރި ޖަސްޓިން ކްލައިވެޓްގެ ޕެނަލްޓީ ނެދަލެންޑްސްއަށް ނާކާމިޔާބުވެ، ސޯފިއަން ރަހީމީގެ ޕެނަލްޓީއާއެކު މޮރޮކޯއިން އެއްވަރުކުރިއެވެ. ތިންވަނަ ޕެނަލްޓީ ދެޓީމުންވެސް ކާމިޔާބުކުރިއެވެ. އަދި މޮރޮކޯގެ ހަކީމީ ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ނެދަލެންޑްސްގެ ޓިމްބަރ ޖެހި އެޓީމްގެ ހަތަރުވަނަ ޕެނަލްޓީވެސް ނާކާމިޔާބުވިއެވެ. ނެދަލެންޑްސްގެ ފަސްވަނަ ޕެނަލްޓީ ސަމާވިލް އަށް ކާމިޔާބުނުކުރެވި، މޮރޮކޯގެ އިސްމާއީލް ސައިބާރީގެ ޕެނަލްޓީ ކާމިޔާބުކޮށް މޮރޮކޯ ގަދަ 16 އަށް ދަތުރުކުރިއެވެ. ސައިބާރީ އަކީ މޮރޮކޯ ކުޅުނު ކޮންމެ މެޗެއްގައި ގޯލްޖެހި ކުޅުންތެރިއެކެވެ.

ގަދަ 16 ޓީމްގެ ބުރުގައި މޮރޮކޯ ވާދަކުރަން ޖެހޭނީ ކެނަޑާއާއެވެ.