ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ. މި ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ.

މިއީ ނޯވޭގެ ކްރޫޒްލައިނެއްކަމަށްވާ "އެމްއެސް ވިކިންގ ޔި ޑުން" ނަމަކަށް ކިޔާ ކްރޫޒްލައިނެކެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ކޮލަންބޯއިންނެވެ.

މި ކްރޫޒްލައިނާއިން ރާއްޖެ އައި 732 ފަތުރުވެރިންނާއި އަދި 486 ކްރޫ މެންބަރުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.

ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ކްރޫޒްލައިން ވަނީ އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ކްރޫޒްލައިންތަކުން 14،847 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8263 ފަތުރުވެރިންނެވެ.