ސައިބަރ ސެކިއުރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލަިއގަނެފިއެވެ.

ރައްޔިތުންގެ މަޖިލީހު މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ވޯޓާއި އެކުގައެވެ. ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހަޅުއްވާފައިވާ މި ބިލަކީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ޔަގީންކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

މި ބިލު ފާސްވުމާއި އެކު ރާއްޖޭގެ ސައިބަރ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް 'ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ'ގެ ނަމުގައި އިދާރާ އެއް އެކުލަވާލަން ޖެހޭނެއެވެ. ބިލުގައި ބުނާ ގޮތުން، ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

މިފަދަ ބިލެއްގެ ސަބަބަނުން ސައިބަރ ސެކިއުރިޓީއާ ގުޅިގެން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތާއި އަމިއްލަ އިދާރާތަކުގެ އުމްރާނީ ވަސީލަތްތަކާއި ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާއި ގުޅިގެން ފުރިހަމަކުރަން ޖެހޭ ކަންކަން ކަނޑައެޅިގެންދާނެެއެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ، ދާޚިލީ އަދި ކްރޮސް ބޯޑަރ ސައިބަރ ސެކިއުރިޓީ ހިރާސްތައް ދެނެގަތުމާއި، ސައިބަރ ސެކިއުރިޓީ އާއި ގުޅުން ހުރި ހާދިސާތައް ހުއްޓުވުމަށާއި، ދިމާވެދާނެ ހާލަތަކަށް އިޖާބަދިނުމަށް ޤާބިލް ނިޒާމެއް އެކުލަވާލުމަށް އުސޫލުތައް ބަޔާންކުރުމަކީ ވެސް މި ބިލުގެ މުހިންމު މަޤްސަދެއް ކަމަށެެވެ.

މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށް ބިކުގައި ވަނީ ބުނެފަ އެވެ. އަދި ލައިސަންސް ނެތި ޚިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.