ދ. މީދޫ ކައުންސިލްގެ ރައީސް މަޤާމަށް އަލަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ސުހާ އިބްރާހިމްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ވޯޓު ދެއްވި އެދާއިރާގެ ރައްޔިތުންނާއި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާއްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގައި 985 މީހުން ވަނީ ވޯޓުލާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމްއަށް 529 ވޯޓު ވަނީ ލިބިފައެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ، 449 ވޯޓެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރު ބުރެއް ނެގުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.