ފަލަސްޠީނުގެ ޣައްޒާގައި ދާއިމީކޮށް ޙަމަލާތައް ހުއްޓައިލުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުރަސްއަޅަން، ޣައްޒާގެ ހުޅަނގުން ޔަހޫދީންގެ އިސްތިޢުމާރު ފުޅާކޮށް، އިތުރު ސަރަޙައްދުތަކަށް އަތްގަދަކުރަން މަސައްކަތް ކުރަމުންދާކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ.
ޣައްޒާގެ އިސްތިޢުމާރު ފުޅާކުރަން ޔަހޫދީން ރާވަމުންދަނީ، ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަލަސްޠީނުގެ މަންދޫބުންނާ އެކު މިކަމުގައި މެދުއިވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމުތަކުގެ މަންދޫބުންނާއެކު މިޞްރުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
މިގޮތުން، ފާއިތުވި ދުވަސްތަކުގައި، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދު ވަކިކުރަން ދަމާފައިވާ "ރީނދޫ ރޮނގު" 300 މީޓަރު އެތެރެއަށް މިހާތަނަށް ޖައްސާފައިވާ ކަމަށް ޙަމާސުން ބުންޏެވެ.
އެ ރޮނގު ކަނޑައަޅައި، އޭގެ ފަހަތަށް ޔަހޫދީންގެ ނިރުބަވެރު ފައުޖު ޖައްސާފައިވަނީ، ޙަމަލާތައް މެދުކަނޑައިލަން މިދިޔަ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުންނެވެ.
ނަމަވެސް، ޔަހޫދީން ވަނީ އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެފައެވެ.
މިގޮތުން، ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް، ޔަހޫދީން ވަނީ 970އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލައި، އިތުރު 3،000އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ.
ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާ ގޮތުގައި، ޣައްޒާގެ 60 އިންސައްތަ ސަރަޙައްދުތައް ޔަހޫދީން ވަނީ އަތްދަށުކޮށްފައެވެ. އަދި އެ އިސްތިޢުމާރު 70 އިންސައްތައަށް އިތުރުކުރަން ޔަހޫދީން ރާވަމުންދާކަމަށް އޭނާ ބުނެފައިވެއެވެ.
ޙަމާސުން ބުނީ، ޤާޙިރާގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ބައެއް ނުކުތާތަކާ މެދު ހުރި ދެބަސްވުންތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއަޅަން ޔަހޫދީން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާތީ، ޙަމާސުން ވަނީ އެކަން ކުށްވެރިކޮށް، އެކަމާމެދު ކަންބޮޑުވުންފާޅުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ، 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފޭބުމާއި، ސުލްޙަ ބަލަހައްޓަން ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުން ހިމެނެއެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ކަންކަން ޙަމާސުން ފުރިހަމަކޮށްފައިވީނަމަވެސް، ޔަހޫދީން ދަނީ އެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.
އަދި އެ އެއްބަސްވުމުގައި ހިމަނާފައިވާ ގޮތަށް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސް އަދި އަސާސީ އެހެނިހެން މުދާ އެތެރެކުރަން ފާޅުގައި ހުރަސްއަޅަމުންނެވެ.
މަޝްވަރާ ހުއްޓުވަން ޣައްޒާގެ އިސްތިޢުމާރު ޔަހޫދީން ފުޅާކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed