ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމްކޮށްފައިވާ ގަން އެއަރ ސްޓޭޝަންގެ މަސައްކަތްތައް ބައްލާވާލައްވައިފިއެވެ. ގަން އެއަރ ސްޓޭޝަނަށް ވަޒީރު ކުރެއްވި މި ޒިޔާރަތަކީ، މިވަގުތު ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާއަށް ވަޒީރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރޭގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.

ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ، އެމްއެންޑީއެފް އެއަރ ސްޓޭޝަންއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގައި މަސައްކަތް ކުރައްވާ އެމްއެންޑީއެފްގެ އެއަރ ކޯރގެ ސިފައިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެއަރ ކޯ އިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ މައުލޫމާތު އޮޅުންފިލުވައި އޮޕަރޭޝަންތައް ވަނީ ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ، އައްޑޫސިޓީ ގަމުގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ކޮމާންޑުގައި މަސައްކަތްކުރައްވާ ސިފައިންނާ ވަޒީރު ބައްދަލުކުރެއްވިއެވެ. އަދި އެ ކޮމާންޑުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ވަޒީރު ޙަސަން ރަޝީދު ވަނީ ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގެ ތެރެއިން މިވަގުތު ސަދަން އޭރިއާގައި މަސައްކަތް ކުރައްވާ ސިފައިންނަށް ދަތިވާ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވައި މަޝްވަރާ ކުރައްވާފައިވެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއަށް ވަޒީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެން ވަޑައިގެންނެވީ، ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ ފުވައްމުލައް ޕޯސްޓަށެވެ. މި ޒިޔާރަތުގައި އެ މަރުކަޒުގައި މަސައްކަތްކުރައްވާ ސިފައިންނާ ވަޒީރު ބައްދަލުކުރައްވާ، އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން އެ މަރުކަޒުގައި މަސައްކަތްކުރައްވާ ސިފައިންނަށް ދަތިވާ ކަންކަން ވަޒީރު ވަނީ އޮޅުންފިލުވާ މަޝްވަރާ ކުރައްވާފައެވެ.

ދިފާޢީ ވަޒީރު ޙަސަން ރަޝީދު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ އެމްއެމްއެންޑީއެފްގެ އެކިއެކި މަރުކަޒުތަކަށް ދަނީ، ޒިޔާރަތް ކުރައްވަމުންނެވެ. އަދި މިތަންތަނުގައި ތިއްބަވާ ސިފައިންނާއި ބައްދަލުކުރައްވައި، އެތަންތަނުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލައްވައި ދަތިވާ ކަންކަން ދަނީ އޮޅުންފިލުވަމުންނެވެ.