ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި މިހާތަނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ 85 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވާ ކަމަށެވެ. މި އިންތިޚާބުގައި ޖުމްލަ 1049 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބޭއިރު، 15:00 ޖެހުމާއި ހަމައަށް 890 މީހުން ވަނީ ވޯޓުލާފައެވެ. މިއީ، ވޯޓުލުމުގެ ހައްޤު ލިބިގެންވާ %84.84 ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުގައި މިހާތަނަށް 398 އަންހެނުންނާއި 492 ފިރިހެނުން ވަނީ ވޯޓުލާފައެވެ.
މި އިންތިޚާބުގައި އެރަށުގައި ވޯޓުލުން ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި އިންތިޚާބުގައި ވޯޓުލުމަށް ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓުލުން ގަޑިއަށް ފެށިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްދާނެއެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.
މި އިންތިޚާބުގައި ދެ ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓަކާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެންޑިޑޭޓެވެ.
ދ.މީދޫ ކައުންސިލް ރައީސް އިންތިޚާބު: 890 މީހުން ވޯޓުލައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed