ޔޫކްރޭނާއި މޮލްޑޯވާއަށް، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫގެ މެމްބަރުކަން ދިނުމުގެ މަޝްވަރާތައް ރަސްމީކޮށް ފެށުމަށް، އެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުގެ ސަފީރުން ނިންމަވައިފިއެވެ.

ރަޝިޔާ އާއެކު ކުރަމުންދާ ހަނގުރާމައަށް ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އީޔޫގެ މެމްބަރެއްގެ ދަރަޖަ ޔޫކްރޭނަށް ހޯދައި ދިނުމަކީ، އެ ޤައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ މުޙިއްމު ވަޢުދެކެވެ.

އީޔޫގެ މެމްބަރު ޤައުމުތަކުގެ ނިންމުމަށް ޒެލެންސްކީ ވަނީ ޓެލެގްރާމްގައި ޙިއްސާކުރެއްވި މެސެޖެއްގައި މަރުޙަބާ ވިދާޅުވެފައެވެ.

އަދި އީޔޫގެ މެމްބަރުކަން ހޯދުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެ ނިންމުމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޮލްޑޯވާގެ ރައީސް މާޔާ ސަންޑޫ ވެސް ވަނީ އީޔޫގެ މެމްބަރުކަން ހޯދުމަށް މޮލްޑޯވާއިން ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް، އީޔޫގެ މެމްބަރުގެ ޤައުމުތަކުން ބަލައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

ޔޫކްރޭނާއި މޮލްޑޯވާއަށް އީޔޫގެ މެމްބަރުކަން ދިނުމުގެ މަޝްވަރާތައް ފަށަން އީޔޫން އެންމެ ފުރަތަމަ ނިންމީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް، އޭރު އެ މަޝްވަރާތައް އިތުރަށް ކުރިއަށް ނުގެންދެވުނީ، ޔޫކްރޭނަށް މެމްބަރުކަން ދިނުމަށް ހަންގެރީގެ އޭރުގެ ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

ނަމަވެސް، ހަންގެރީގެ އައު ސަރުކާރުން ވަނީ ޔޫކްރޭނާ އެކު މަޝްވަރާކޮށް، ޔޫކްރޭނުގައި ދިރިއުޅޭ ހަންގެރީގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާ މެދު އެއްބަސްވުމަކަށް އައިސްފައެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އީޔޫގެ މެމްބަރު ޤައުމުތަކުގެ ސަފީރުން ވަނީ، ޔޫކްރޭނާއި މޮލްޑޯވާއަށް އީޔޫގެ މެމްބަރުކަން ދިނުމުގައި، ފުރަތަމަ މަރުޙަލާގައި ހިމެނޭ ޤާނޫނުތައް އީޔޫގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް އެ ޤާނޫނުތައް މުރާޖަޢާ ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފައެވެ.

އީޔޫގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ޤާނޫނުތައް އިސްލާޙު ކުރުމަށް، ގިނަ އަހަރުތަކެއް ހޭދަވާނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.