ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ސިފައިންގެ ޚިދުމަތާއި ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ. ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ނިންމި 130 އަށް ވުރެ ގިނަ ކުދިން ވަނީ ޤައުމީ ދިފާޢީ ބާރާއި އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށްފައެވެ.

ސިފައިންގެ ޚިދުމާތާއި ގުޅުނު ދަރިވަރުންނަށް ހިއްވަރު ދެއްވައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބޭނުން ތަކުރާރުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ޕްރޮގްރާމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ދަރިވަރަކު ދަސްވެނިވެފައިވެއެވެ. އޭގެ ތެރެއިން އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް އަމާޒުކޮށް ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބުރު ވަނީ ބާއްވާފައެވެ. މި ބުރުން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ ޚިދުމަތާއި ގުޅިފައެވެ. މިއީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ދަރިވަރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން އެކި ވަނަތައް ހާސިލްކުރި ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ކޯސް ނިންމި ދަރިވަރުންނަށް ހިއްވަރު ދެއްވައި ސިފައިންގެ ޚިދުމާތާ ގުޅުނު ޒުވާނުންނަށް ސާބަސް ރައްދުކޮށްދެއްވިއެވެ.

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ތަމްރީނު ފުރިހަމަ ކުރި ގިނަ އަދަދެއްގެ ދަރިވަރުން ދިވެހި ސިފައިންގެ ޚިދުމާއި ގުޅިފައިވާއިރު، މިހާރުވެސް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބެޗުތައް ދަނީ ތަމްރީނު ހާސިލްކުރަމުންނެވެ. މިހާރު މި ޕްރޮގްރާމުގެ ތަމްރީން ހާސިލް ކުރަމުން ދަނީ ތިން ވަނަ ބެޗުގެ ދަރިވަރުންނެވެ. މި ބެޗުގައި ތަމްރީނު ހާސިލް ކުރުމަށް 352 ދަރިވަރުން ވަނީ ފުރާފާއެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚުލާޤާއި ސުލޫކު، ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެއެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮގްރާމުގައި ބައިވެރިވުމަށް ޖުމްލަ 1785 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ.