މަސްވެރިންނަށް ޚާއްސަ އަގެއްގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން މިހާރު ލިބޭނެކަަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަގޮތަށް ކުރިއަށް ގެންދިއުމެވެ. މި މަޤުޞަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުންނެވެ. އެހެންނަމަވެސް މިހާރު އިތުރު 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެންމެ ފަހުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ގދ. ތިނަދޫންނެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ރ. އަތޮޅާއި ތ. އަތޮޅުގައެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭ ސަރަޙައްދުތައް:
* ހއ. އިހަވަންދޫ
* ހދ. ހަނިމާދޫ
* ށ. މިލަންދޫ
* ރ. ދުވާފަރު
* ބ. އޭދަފުށި
* ޅ. ފެލިވަރު
* ކ. ހިންމަފުށި
* ފ. ނިލަންދު
* ދ. ކުޑަހުވަދޫ
* ދ. މީދޫ
* ގދ. ތިނަދޫ
* ގއ. ކޫއްޑޫ
* ފުވައްމުލައް ސިޓީ
* ސ. ހުޅުމީދޫ
* ހުޅުމާލެ ޖެޓީ
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.