ފުޓުބޯޅައަކީ އެ ކުޅިވަރަކަށް ދިވެހިންގެ ހިތުގައި ޙާއްސަ މަގާމެއް ދީފައިވާ ހަރަކާތެކެވެ.
ޤައުމީ އެއްބައިވަންތަކަމާއި ދޭދޭ ގުޅުން ވަރުގަދަކޮށް، ބަދަހިކުރުމުގެ ނިޝާނެކެވެ. ޤައުމީ ލޯތްބާއި، ވަޠަނީ ރޫހުގެ ލާމަސީލު މިސާލެކެވެ.
މި ކުޅިވަރަކީ، ޙާއްސަ ގޮތެއްގައި ޤައުމީ ފުޓުބޯޅަ ޓީމާއިމެދު ދިވެހިން ދެކެނީ މިއީ ޤައުމީ ކަމެއްގެ ގޮތުގައެވެ. ކަން މިހެން އޮތުމާއިއެކު ރާއްޖޭގެ ބައެއް ކުޅުންތެރިންނަކީ ދިވެހިން ޙާއްސަ ގަދަރަކާއި އިޚްތިރާމެއް ދީފައިވާ ބަޔަކަށް ވަނީ ވެފައެވެ.
1979 ވަނަ އަހަރު ރިޔޫނިއަން އައިލެންޑްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޯސް އަތުން 2-1 އިން ރާއްޖެ ބަލިވި ނަމަވެސް، އެ މެޗުގައި ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) ޖެހި ލަނޑަކީ ރާއްޖޭގެ ޤައުމީ ޓީމުން ތާރީޚުގައި ވެސް ޖެހި ފުރަތަމަ ލަނޑުކަމަށްވާއިރު، އެ ލަނޑާއެކު ޖޫލޭއަށް ދިވެހިންގެ ހިތުގައި ލިބުނު މަގާމުން ފެށިގެން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ ކޮޅަށް، މުޚްތާރު ނަޞީރު (ޓޫކިލޯ) ޖެހި ލަނޑާ ހަމައިން އޭނާއަށް ދިވެހިން ދިން ޝަރަފާއި، އެފަހުން ވެސް ޤައުމީ ޓީމުގެ އެތައް ކުޅުންތެރިންތަކަކަށް ދިވެހިން ކުރަނީ ޙާއްސަ އިހުތިރާމެކެވެ. ވަނީ ފުން ލޯތްބެކެވެ.
މި ހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް، ބަޠަލެއްގެ ދަރަޖަދޭ ދެ ކުޅުންތެރިއަކު ހޮވާނަމަ، އެ ދެ ކުޅުންތެރިއަކަށް ހަމަ ގައިމުވެސް ވާނީ ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤް (ދަގަނޑޭ) އާއި، ރަން އަންގީގެ ވެރި އިމްރާން މުޙައްމަދު (އިންމަ) އެވެ.
ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދި ދިވެހި ދެ ބަޠަލުންނެވެ. ދަލާއި ލެއިން މި ގައުމަށް ހިދުމަތްކުރި ދެ ފަހުލަވާނުންނެވެ. ޤައުމީ ޖާޒީގައި އިމްރާން ވަނީ 110 މެޗު ކުޅެފައެވެ. އަޝްފާޤް ޤައުމީ ޖާޒީގައި 100 މެޗު ހަމަކުރީ މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި އަފްޣާނިސްޠާނާއި ރާއްޖެ ބައްދަލުކުރި މެޗުގައި ކުޅެގެންނެވެ.
ފުޓުބޯޅައިގައި ރާއްޖެއާއި ރީތި ނަމާއި ޝަރަފު ހޯދައިދޭން މި ދެ ކުޅުންތެރިން ކުރި ބުރަ މަސައްކަތަކީ އަގުނުކުރެވޭނެ ޚިދުމަތެކެވެ. ފާހަގަކުރަންޖެހޭ ފަދަ ބޮޑު ގުރުބާނީއެކެވެ.


އިމްރާނާއި އަޝްފާޤް.
އިމްރާން މުޙައްމަދުގެ ކެރިއަރު، ޝުކުރާއި ސާބަސް ޙައްގު ޤައުމީ ޚިދުމަތެއް

އޭރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ. އޭރު ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިސްހާގު އީސާ އާއި އަސްލަމް އަބްދުއްރަހީމް ފަދަ ކީޕަރުންގެ ބަދަލުގައިގައި، އޭރުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް ފުރުސަތު ދިނީ، އެފަހުން ދިވެހި ފުޓުބޯޅައިގެ މުޅި ތާރީޚް ބަދަލުކޮށްލި އިމްރާން މުޙައްމަދަށެވެ.
2000ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު، އެ މެޗުގައި އެ ދެ ކީޕަރުންގެ ބަދަލުގައި އިމްރާން، "ލާސްޓް ލައިން އޮފް ޑިފެންސް"ގައި ހުރުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދިއެވެ. ތަޖުރިބާ މަދު، އުމުރުން ހަގު ކީޕަރަކަށް މިކަން ވެދާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދުނު ސުވާލެކެވެ.
އެ ސުވާލަށް އިމްރާން ޖަވާބުދިނީ ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝްގެ ފޯވާޑުންގެ ނުރައްކާތެރި އެތައް ހަމަލާއެއް ދިފާއުކޮށް، މުޅި މުބާރާތުގައި ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ.
އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިން ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، އެ މެޗަށްފަހު ދިވެހިންނަށް ލިބުނު ހިތްހަމަ ޖެހުމަކަށްވީ، ދިވެހި ފުޓުބޯޅައިގެ މުސްތަޤްބަލުގައި، ގޯލު ބަލަހައްޓާނެ ޒުވާން ހުނަރުވެރި ކީޕަރަކު ފެނުމުގެ ހިތްހަމަޖެހުމެވެ.
އެފަހުން 16 އަހަރު ފާއިތުވިއިރު ވެސް ދިވެހިން އެންމެ އިތުބާރުކުރާ، އެންމެ ބޮޑު އުއްމީދެއް ގެންގުޅުނު އެއް ކުޅުންތެރިއަކީ އިމްރާނެވެ. ޤައުމީ އަންގި ބާލައި އިމްރާން ރިޓަޔަރކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އިމްރާންގެ ކާމިޔާބީގެ ދިގު ލިސްޓުގެ އެންމެ ކުރީގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އަދާކުރި ދައުރު ކިތަންމެ ބޮޑުވި ނަމަވެސް، ފުޓުބޯޅައިގެ ހަމަތަކުން ބަލާނަމަ އެއަށްވުރެ ފުރިހަމަ ނުވަތަ އެއާ އެއްހަމަ އެތައް ކަމެއް ފާހަގަކޮށްލެވެން އެބައޮތެވެ.
މިސާލަކަށް ބަލާނަމަ، 2001 ވަނަ އަހަރުގެ ފީފާ ރޭންކިންގެ 54 ވަނައިގައި އޮތް އޭޝިއާ ސަރަހައްދުގެ ގަދަ ބާރެއް ކަމުގައިވާ ޗައިނާއާ ދެކޮޅަށް، އެ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އިމްރާން ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. އެފަދަ ވަރުގަދަ ބާރެއްގެ އަތުން 0-1 ގެ ތަފާތަކުން ރާއްޖެ ބަލިވިއިރު، އެއީ ނުހަނު ބޮޑު ކުރިއެރުމެކެވެ. އެ މެޗުގެ ނަތީޖާގައި ވެސް އަދި ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕުގެ ފުލުން ރާއްޖެ ސަލަމާތްކޮށްދިނުމުގައި އިމްރާންގެ ދައުރު އިންތިހާއަށް ބޮޑެވެ.
އެފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ ރާއްޖެ ހޯދިއިރު ގޯލް ބެލެހެއްޓި އިމްރާން، ޖެހިގެން އައި އަހަރު، އޭގެ ކުރީ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާއާ މާލެގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ވެސް އިމްރާން ދެއްކި ކުޅުމަކީ މުޅި ގައުމު އޭނާއާމެދު ފަޚުރުވެރިވާ ކަމެކެވެ.
އިމްރާންގެ ކާމިޔާބީގެ ވާހަކަތަކަކީ މިފަދަ ރިޕޯޓެއްގައި ލިސްޓު ކުރެވޭ ވަރަށް ވުރެ މާ ގިނަ، މާ ފުރިހަމަ ކާމިޔާބީތަކެކެވެ. އިމްރާން ގައުމީ ޓީމާ ވަކިވި ދުވަހަކީ މުޅި ދިވެހި ފުޓްބޯޅައަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި، އޭނާގެ މިތުރު، ޤައުމީ ފަޚުރު، އަލީ އަޝްފާޤް ވެސް ފާހަގަކޮށްފައިވެއެވެ.

އަލީ އަޝްފާޤް: ދިވެހިން ފަޚުރު، ދިވެހިންގެ ޝަރަފު
މިއީ އެ ކުޅުންތެރިއެއްގެ ތައާރަފެއް ދިވެހި އެއްވެސް ދަރިއަކު ބޭނުން ނުވާވަރުގެ ވަރުގަދަ ޝަހުސިއްޔަތެކެވެ. އަދި ކިއެއްތަ، ސަރަހައްދީ ފުޓުބޯޅައިގެ އިލްމު ހުރި އެއްވެސް ފަރާތަކަށް އަލީ އަޝްފާޤް ނުވަތަ އެމީހުން ސިފަކުރާ ގޮތުންނަމަ، "މޭން އޮފް ސްޓީލް" އޭ ބުނުމުން ނޭނގިއެއް ނުހުންނާނެއެވެ. އެއީ ދިވެހިން އެ ކުޅުންތެރިޔަކާ މެދު ތާ އަބަދަށް ފަހުރުވެރިވާ، ދިވެހިންގެ ޝަރަފެއްގެ ގޮތުގައި ދެކޭ ދިވެހިންގެ "ދަގަނޑޭ" އެވެ.
ދެ ދަހަރު (ދެ ޑެކޭޑް) ވަންދެން ދިވެހި ފުޓުބޯޅައިގެ "ފޭސް" ގެ ގޮތުގައި އަޝްފާޤަށް ނިސްބަތްކުރެވެނީ ސަބަބެއް އޮތީމައެވެ.
އޭނާ ހޯދާފައިވާ ޝަރަފާއި ހުރިހާ ކާމިޔާބީތަކެއްގެ ވާހަކަ ލިސްޓުކޮށްލާނަމަ، އެއަށް ޖެހޭނީ ވަކިން ރިޕޯޓެއް ލިޔާށެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ދެތިން ކަމެއް ގެނެސްދެވޭތޯ ބަލާނަމެވެ. ބޮޑަށް މަސައްކަތްކުރާނީ ބައިނަލްއަގްވާމީ މައިދާނުގައި އަޝްފާޤް ހަދާފައިވާ ރެކޯޑު ތަކާއި ހޯދާފައިވާ ކާމިޔާބީތައް ގެނެސްދެވޭތޯއެވެ.
ޤައުމީ ޖާޒީގައި 100 މެޗު ހަމަކޮށް، ފީފާ ސެންޗޫރީ ކުލަބުން ޖާގަ ހޯދާފައިވާ އަޝްފާގަކީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން 2013 ވަނަ އަހަރު އެކުލަވާލި ލިސްޓުގައި، ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ގޯލް ސްކޯރަރ އަކަށް ހިމަނާފައިވަނީ އަޝްފާޤުގެ ނަމެވެ. ޖެހިގެން އައި އަހަރު، ކުޅިވަރު ވެބްސައިޓް "ޔުލްޓިމޭޓް" އިން ހޮވި ސައުތު އޭޝިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކީ ވެސް އަޝްފާޤެވެ.
ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވާޑް، އަލީ އުމަރަށް އައި ތިން މެޗުގެ ސަސްޕެންޝަކާ ގުޅިގެން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، ވެލެންސިއާގެ ޖާޒީގައި ފުރަތަމަ ފަހަރަށް ރަސްމީ ފުޓުބޯޅައިގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ލިބުނު އަޝްފާޤް، ޤައުމީ ޖާޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2003 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވި މެޗުގައެވެ.


އަޝްފާޤާއި އަލީ އުމަރު.
ހަމަ އެ އަހަރު އަޝްފާޤް ވަނީ ބޫޓާނާ ދެކޮޅަށް އެ މުބާރާތުގައި ކުޅުނު މެޗުގައި ލަނޑު ޖަހާފައެވެ.
އަޝްފާޤުގެ ކެރިއަރުގެ ފަހު ދުވަސްތަކާ އޭނާ ކުރިމަތިލާފައިވާއިރު، އުމުރުން އެންމެ 18 އަހަރުގައި ޤައުމީ ޖާޒީގައި ލަނޑުޖަހައި، ސީނިއަރ ޤައުމީ ޓީމަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު އަޝްފާޤް ހެދިއިރު، އޭގެ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް އެ ރެކޯޑު އޭނާގެ އަތުގައި އޮތުން މިއީ އެއީ ކިހާވަރެއްގެ، ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން ހާމަކޮށްދޭ ކަމެކެވެ.
މިހެން ގޮސް އެތައް ކަމެއް ލިސްޓުކުރެވިދާނެއެވެ. އެކަމަކު އޭނާ މި ދީބުގެ ޝަރަފަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް އަދަދު ނުކުރެވޭނެއެވެ.


އިމްރާން ޕްރޮފެޝަނަލް ފުޓުބޯޅައިގެން ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔަރކުރި ދުވަހު އަލީ އަޝްފާޤާއެކު.
ފީފާގެ ސެންޗޫރި ކުލަބުގައި ހިމެނުނު ރާއްޖޭގެ ދެ ކުޅުންތެރިންގެ ޖުމްލަ މެޗުގެ އަދަދު 200 އިން މައްޗަށް އަރާއިރު، މި ދެކުޅުންތެރިން ދިވެހި ޤައުމީ ޓީމަށާއި ދިވެހި ފުޓުބޯޅައަށް ކޮށްދީފައިވާ އަގުހުރި މަސައްކަތާއި، ވީ ގުރުބާނީތަކަކީ ޑޮކިއުމަންޓްކޮށް، އަންނަން އޮތް ޖީލުތަކަށް ފިލާވަޅުތަކެއް ލިއްބައިދެވޭފަދަ އިބުރަތެއްގެ ގޮތުގައި ރައްކާކުރެވެން ޖެހޭ ކަންކަމެވެ.
ގައުމަށް ޚިދުމަތްކުރުމަށް ކޮންމެހެން ހަތިޔާރު ނަގައި، ހަނގުރާމަ ނުކުރި ނަމަވެސް، ކުޅިވަރުގެ ދާއިރާއިން ވެސް މި ދީބަށްޓަކައި ޚިދުމަތްތަކެއް ކުރެވިދާނެކަން އެ ދެ ކުޅުންތެރިން މިވަނީ ސާބިތުކޮށްދީފައެވެ.
މި ދެ ކުޅުންތެރިންގެ ޚިދުމަތަކީ ޝުކުރު ހައްގު، ޤައުމީ ޚިދުމަތެކެވެ.
