މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން، "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18 ބިލިޔަނާއި 37 ބިލިޔަން ޑޮލަރަށް އަރާ ކަމަށެވެ. އަދި މީގެ ތެރެއިންވެސް އެންމެ ގިނައީ ޓްރާންސް-ނޭޝަނަލް ފްރޯޑް ކޭސްތައްކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. މި މަސައްކަތްކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް ވިދާޅުވިއެވެ.

"ސްކޭމް ނެޓްވޯކްތައް ހުއްޓުވޭނީ އިދާރާތަކުގެ ނިޒާމު ހަރުދަނާކޮށްގެން"
"ސްކޭމް ނެޓްވޯކްތައް ހުއްޓުވޭނީ އިދާރާތަކުގެ ނިޒާމު ހަރުދަނާކޮށްގެން"

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ފްރޯޑް މައްސަލަތައް ބެލުމުގެ ވަސީލަތް އެކި ޤައުމުތަކުގައި އެކި މިންވަރަށް ހުރިކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ، އެއްޤައުމުގައި ހުންނަ ވަސީލަތް އަނެއް ޤައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. ވަކިން ޚާއްޞަކޮށް ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފްގެ ވާހަކައިގައި މިދާއިރާއިން އެހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. އަދި އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުގީގުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެއްބާރުލުމަކާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ޕީޖީ ދެއްވިއެވެ.

"ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ. ގެ މައިގަނޑު އިދާރާއެވެ. މިއަހަރުގެ ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން ޕީޖީ އޮފީހުގެ އިސް ވަކީލުންނެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވެއެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ސްކޭމް ނެޓްވޯކްތައް ހުއްޓުވޭނީ އިދާރާތަކުގެ ނިޒާމު ހަރުދަނާކޮށްގެން"
"ސްކޭމް ނެޓްވޯކްތައް ހުއްޓުވޭނީ އިދާރާތަކުގެ ނިޒާމު ހަރުދަނާކޮށްގެން"