ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކޮށް ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. އަތޮޅު ކިހާދޫއަށް ފުރާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް ފުރާފައިވާކަަމެވެ.

މީގެތެރޭގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުންހިމެނެއެވެ. ފަންނީ ތަމްރީނުގެ ތެރެއިން ތަފާތު 6 ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ އޭގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފައެވެ. އަދި މި ބުރުގައި 350 ބައިވެރިންގެ ތެރެއިން 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި މީގެ ތެރެއިން 77 ބައިވެރިޔަކުވަނީ ފަންނީ ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަ ފަށާފައެވެ.

މި ތަމްރީނުތަކަކީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ތަމްރީންތަކެކެވެ.