ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗަށްފަހު ފާހަގަވި ދެކަމެއްގެ ވާހަކަ، ފުޓުބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ދައްކަމުންނެވެ.
އޭގެތެރެއިން އެއް ކަމަކީ، ރާއްޖޭގެ ދިފާޢުގައި، އީނާޒް ދެއްކި މޮޅު ކުޅުމުގެ ވާހަކައެވެ.
އަނެއް ވާހަކައަކީ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޤައުމީ ޓީމަށް އައި ބަދަލުތަކާއި، ކުރިއެރުންތަކާއި، ލިބެމުންދާ އުއްމީދުގެ ވާހަކައެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އުފުލާގޮތަށް، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖެއްސީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.
މި ޒިންމާތައް އުފުލުމަށް، ޖެނުއަރީ 18 ވަނަ ދުވަހު ރާއްޖެ އައުމަށްފަހު، ރާއްޖޭގައި ކުޅޭ ފުޓުބޯޅައިގެ ރަސްމީ ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް، ދަނޑުން އޭނާ ފެނެއެވެ. ހިކުމަތްތެރި ވިސްނުމެއްގައި، މުސްތަޤްބަލާއިމެދު ވިސްނައިގެން ކުރަން ރާވާފައިވާ މަސައްކަތްތަކަށްޓަކައި އޭނާ ދިޔައީ ރާއްޖޭގެ ފުޓުބޯޅައިގެ ކުޑަވަރެއްގެ، އެހެނަސް ބޮޑު އިމްޕެކްޓެއް ގެނުވާނެ ދިރާސާއެއް ކުރަމުންނެވެ.
ދެވަނަ ޑިވިޝަންގެ މެޗުތަކާއި، 19 އަހަރުން ދަށުގެ މުބާރާތްތަކާއި، ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް މެޗު ބަލަން އޭނާ އިނދެއެވެ.


20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ކޯޗު އުރުބާނީ އިރުޝާދު ދެނީ - ފޮޓޯ: ޕީއެސްއެމް ނިއުސް
އުރުބާނީގެ ބޭނުމަކަށްވީ، ޤައުމީ ޓީމު ވަރުގަދަކުރުމެވެ. ވަޅުޖެހި، އިނދަޖެހިފައިވާ ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށްޓަކައި އޭނާގެ ޒިންމާ އަދާކުރުމެވެ.
އޭނާގެ މި މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިކަން، ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ފާހަގަކުރަމުންނެވެ.
ސީނިއަރ ޓީމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި، ޓިމޯ ލެސްޓޭ އަތުން ރާއްޖެ މޮޅުވި ނަމަވެސް، އެ މެޗަށްފަހު ނުލިބޭހާ އުފާވެރިކަން، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ފުރަތަމަ މެޗުގައި އަފްޣާނިސްޠާން އަތުން ހަނިގޮތަކަށް ރާއްޖެ ބަލިވުމުން ލިބޭނީ، ވަރަށް ބޮޑު ސަބަބެއް އޭގެ ފަހަތުގައި އޮތީމައެވެ.
އެ ސަބަބަކީ، އުރުބާނީގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ހޯދި ކުރިއެރުންތަކެވެ. ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތުދީގެން، މުސްތަޤްބަލަށްޓަކައި ޓީމެއް ބިނާކުރުމަށް އޭނާ ކުރަމުންދާ މަސައްކަތާއެކު ދިވެހިންނަށް ބޮޑު އުއްމީދެއް ލިބުނީތީއެވެ. ބަލިވިޔަސް، މުސްތަޤްބަލް އުޖާލާވާ ކަމުގެ ހެކި ފެންނަން ފެށުމުންނެވެ.
މި މެޗުގެ ކަވަރޭޖް "ޕީއެސްއެމް" އިން ގެނެސްދިން އިރު މެޗު އެނަލިސްޓެއްގެ ގޮތުގައި އިން އިބްރާޙީމް ސައީދު (ކަކާ) ފާހަގަކުރި ވަރަށް މުހިންމު ނުކުތާއެއް ހިއްސާކޮށްލާނަމަވެ.


ގައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ޔޫރަޕުގެ މޮޑާން ފުޓުބޯޅައިގައި، މެޗުގެ 65 މިނެޓުވުމުން ދަނޑުމަތީގައި ތިބޭ ކުޅުންތެރިން އެ ކުޅުންތެރިން ކުޅޭ މަގާމުތައް ކޮންމެވެސް މިންވަރަކަށް ބަދަލު ކުރި ނަމަވެސް، ރާއްޖެ ޓީމުން އެ މެޗުގައި އެއަށްވުރެ ރަނގަޅު ބަދަލެއް ފެނުނުކަން އިބްރާޙީމް ސައީދު ފާހަގަކުރިއެވެ. އެ ބަދަލަކީ، ކުޅުންތެރިން އެ ކުޅުންތެރިންގެ މަގާމުގައި ތިބެ މެޗު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިއިރު ވެސް އަދި އޭގެ އިރުކޮޅެއް ފަހުން ވެސް، ކުޅުންތެރިން ބަދަލުކުރުމެވެ.
ވަރުބަލިވެފައިވާ ކުޅުންތެރިން ބޭލުމަށްފަހު، އެ މަގާމުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، "ފްރެޝް" ކުޅުންތެރިންތަކެއް އުރުބާނީ އެރުވުމާއެކު، އަފްޣާނިސްޠާން ޓީމުގެ ޑިފެންސްލައިނަށް އެކަމުގެ އެނގުންވިއެވެ.
މިކަން ފާހަގަކުރީ ހަމައެކަނި ކޯޗު އިބްރާޙީމް ސައީދެއް ނޫނެވެ. މީގެކުރިން ބަންގްލަދޭޝް އަށްވެސް ކޯޗުކަން ކޮށްދީ، ސަރަހައްދީ ފުޓުބޯޅައިގެ އިލްމު ހުރި އަފްޣާނިސްޠާނުގެ ކޯޗު، ހޯސޭ އެންޓޯނިއޯ ނޮގުއެއިރާގެ ތައުރީފު ވެސް އުރުބާނީ ވަނީ ހޯދާފައެވެ.
"މެޗުގެ ފުރަތަމަ ކޮޅު އަހަރުމެންނަށް ވަރަށް ރަނގަޅަށް ކުޅެވުން. 45 ވަރަކަށް މިނިޓް މެޗު ޑޮމިނޭޓްކުރީ އަފްޣާން ޓީމުން. އެހެންނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުގެ މެދުތެރެއަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ޓީމަށް ކުރިއެރުންތަކެއް އައިތަން ފެނުނު. އެކަމުގެ ސަބަބުން އަފްޣާން ކުޅުންތެރިން ވަރުބަލިވާންފެށި. ހަގީގަތުގައިވެސް ރާއްޖޭގެ ޓީމަށް ކޯޗް ގެނައި ބަދަލުތަކަކީ ވަރަށް ރަނގަޅު ބަދަލުތަކެއް" އަފްޣާނިސްޠާނުގެ ކޯޗު ބުންޏެވެ.


20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ކޯޗު އުރުބާނީ އިރުޝާދު ދެނީ - ފޮޓޯ: ޕީއެސްއެމް ނިއުސް
މި ހުރިހާ ސަބަބުތަކާއެކު، އުރުބާނީގެ އެދުމަށް، ދިވެހިން އިޖާބަދޭން ޖެހޭކަން ހާމަވެއެވެ. އުރުބާނީ އެދެނީ ޓީމަށް ވަގުތުދީ އިތުބާރު ކުރުމަށެވެ. ދިވެހިންގެ ޓީމުގެ ފަހަތުގައި ދިވެހިން ތިބެދިނުމަށެވެ. މާޒީގެ ހިތި ދުވަސްތައް ހިތުން ފޮހެލައި، ފުޓުބޯޅައިގެ އައު ސަފްޙާއަކަށް ކުރަމުންދާ މަސައްކަތުގައި ދިވެހިންގެ ހިތްވަރާއި ލޯބި ޤައުމީ ޓީމަށް ދިނުމަށެވެ.
އެ ލޯތްބާއި ހިތްވަރު، މިހާރު ކުރިއަށް މިދާ މުބާރާތުގައި ވެސް ދިވެހިން ދޭން ޖެހެއެވެ. 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އަދާކުރަން ޖެހެއެވެ. ސަޕޯޓަރުންގެ ސަޕޯޓުގެ އަޑު އިވުމުން އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރެވޭކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤް (ދަގަނޑޭ) ބުނެފައިވާއިރު، އެ ހިތްވަރު އެ ކުޅުންތެރިންނަށް ހޯދައިދޭން މަސައްކަތްކުރަން ޖެހެއެވެ.
މިއީ އެއް ދުވަހުން، ދެ ދުވަހުން ވާނެ ކަމެއް ނޫނެވެ. މި ބަދަލުތައް ގެނެސް، ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ވަގުތު ބޭނުންވެއެވެ. އެ ވަގުތު ދޭންޖެހެއެވެ.