އީރާނުގެ ދެކުނުގައި އޮންނަ ޤަޝަމު ޖަޒީރާގެ މުވާޞަލާތީ މަރުކަޒަކަށް އެމެރިކާއިން ޙަމަލާދިނުމުން، ރައްދުގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ކުވައިތާއި ބަޙްރައިންގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އައިއާރްޖީސީގެ ޙަމަލާތަކުގައި އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާއިރު، ކުވަޔިތުން ވަނީ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން އެ ޙަމަލާތައް ދިފާޢުކޮށްފައެވެ. އެ ޙަމަލާތަކުގައި އެ ޤައުމުގެ ވައިގެ ސަރަޙައްދުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިގެންގޮސްފައިވާއިރު، ދިފާޢުކޮށްފައިވާ މިސައިލްތަކުގެ ބައިތައް ވެއްޓި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ކައިރިން އީރާނުގެ ތެޔޮ އުފުލާ ބޯޓަކަށް އެމެރިކާއިން ދިން ޙަމަލާއެއްގެ ބަދަލުގައި، އީރާނުން ވަނީ 'ޕަނާޔާ' ގެ ނަން ކިޔާ އުޅަނދަކަށް މިސައިލް ޙަމަލާއެއް ދީފައެވެ. އަައިއާރްޖީސީން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ނަގައިލުމަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޮޑު އަގު ދައްކަންޖެހޭނެ ކަމެއްގެ ގޮތުގައި ސިފަކޮށް، އީރާނުގެ ސިޔާދަތަށް އަރައިގަންނަ ކޮންމެ ފަރާތަކަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ހުޅަނގު އޭޝިޔާ ޤައުމުތަކުގައި ހުރި އެ ޤައުމުގެ މަޞްލަޙަތުތަކަށް އަމާޒުކޮށް އައިއާރްޖީސީން ދީފައިވާ ޙަމަލާތައް ކާމިޔާބުކަމާއެކު ދިފާޢުކޮށްފައިވާނެ ކަމުގައެވެ. މި ގޮތުން، ކުވަޔިތަށް ޙަމަލާދިނުމަށް ބޭނުންކުރި ދެ މިސައިލެއް އަމާޒަށް ވާސިލުނުވެ ވެއްޓިފައިވާ ކަމަށާއި، ބަޙްރަޔިނަށް ޙަމަލާދިނުމަށް ފޮނުވައިލި ތިން މިސައިލެއް އެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިފާޢުކޮށްފައިވާނެ ކަމުގައި ސެންޓްކޮމުން ބުންޏެވެ. އަދި، ވިޔަފާރިމުދާ އުފުލާ އާގުބޯޓަކަށް ޙަމަލާދިނުމަށް އައިއާރްޖީސީން ބޭނުންކުރި ތިން ޑްރޯން ދިފާޢުކޮށްފައިވާނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. އީރާންގެ ޤަޝަމު ޖަޒީރާއަށް ޙަމަލާދީފައިވާނެ ކަން ވެސް ސެންޓްކޮމުން ކަށަވަރުކޮށްދިނެވެ.

އެމެރިކާއިން އިސްވެ، ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގައެވެ. އެޕްރީލު 8 ގައި ދެ ފަރާތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ހަނގުރާމައިގައި އެމެރިކާއާއި ޔަހޫދީ ފައުޖުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 3,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަނގުރާމައާއެކު ހުޅަނގު އޭޝިޔާ ސަރަޙައްދުގެ މަސްރަޙު ހޫނުވެ، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ލޮޅުންއެރިއެވެ. ދާއިމީ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ވޮޝިންގޓަނާއި ތެހްރާނުން ނުރަސްމީ މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް، އެންމެ ފަހުގެ ޙަމަލާ ބަދަލުކުރުންތަކާއެކު، ސުލްޙައަށް ހުރަސްއެޅުމުގެ ފުރުޞަތު ބޮޑުކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.