ވިސާ ހަމަނުޖެހިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެކްސިކޯ އަށް ނުދެވިފައި ތިބި ދެކުނު އެފްރިކާ ޓީމުން އެސިސްޓެންޓް ކޯޗު ބަހައްޓާފައި ފުރައިފި އެވެ.

ހެލްމަން އެމްހަލެލޭލޭ އަށް ވިސާ ނުލިބުނީ ކީއްވެ ކަން ނޭނގޭ ކަމަށް ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

"މިއީ ވަރަށް އުނދަގޫ ކަމެއް. ވިސާ ނުލިބުނީ ކީއްވެކަން ނޭނގުން. ވަކި ސަބަބެއް ނޭނގޭނަމަ އެކަމާ ވާހަކަ ދައްކަން ވެސް ކިހާ އުނދަގޫވާނެ. އެކަމަކު ވެސް އަހަރުމެން މިދަނީ މިކަން ހައްލުވޭތޯ މަސައްކަތް ކުރަމުން،" ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.

ކޯޗު ސްޓީވް ބްރޫސް ބުނީ މުބާރާތް ހުޅުވާ މެޗުގައި މެކްސިކޯއާ ދެކޮޅަށް އޭނާގެ ޓީމަށް އެންމެ ފަހުން މެކްސިކޯ އަށް ދެވޭތީވެ ވަރަށް އުފާވާ ކަމަށެވެ.

"ބާކީ މިއޮތް އަށް ދުވަސް ހަމަ ނޭނގިތިއްބާ ހިނގައިދާނެ. އަހަރުމެން މެކްސިކޯ އަށް ދެވުމާއެކު ތައްޔާރުވުންތައް ފަށާނަން. ޓީމުގެ 99 ޕަސެންޓް މީހުން މިތިބީ މިހާރު ދަތުރު ކުރެވޭ ގޮތަށް،" ކޯޗު ބުންޏެވެ.

ދެކުނު އެފްރިކާގެ ފުޓްބޯޅަ އާދިއްތަ ދުވަހު ފުރަން އޮވެފައި ލަސް ކުރީ ވެސް ޓީމުގެ އެންމެނަށް ވިސާ ހަމަނުޖެހި އެކީގައި ދަތުރު ކުރެވޭ ގޮތް ނުވުމުންނެވެ. ކުރިން ހަމަޖެހިފައި އޮތީ ޖޮހަނަސްބާގުން ފުރައިގެން އާދީއްތަ ދުވަހު މެކްސިކޯ ސިޓީ އަށް ދާ ގޮތަށެވެ. ޓީމަށް އާދީއްތަ ދުވަހު ފުރޭނެ ކަމަށް ބަލާފައި ހޮނިހިރު ދުވަހު ވަނީ ދެކުނު އެފްރިކާ ޓީމަށް އަލްވަދާއު ކިއުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

ޖޫން 11 ވަނަ ދުވަހު ކުޅޭ މެޗަށް ދެކުނު އެފްރިކާ ޓީމު އަވަހަށް މެކްސިކޯ އަށް ދާން ބޭނުންވީ އެ ގައުމުގެ މާހައުލަށް ހޭނުމަށެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތަށް މި ތިން ގައުމަށް އެތެރެވުމުގައި ބައެއް ގައުމުތަކަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ސަބަބަކީ ސިޔާސީ ގުޅުމާއި އެނޫން ވެސް ކަންކަމުގައި ގައުމުތަކުގެ ގުޅުން ގޯސްވުމެވެ.