ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އަގު ހެޔޮކޮށްފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މިހަރު ޓިކެޓް ވިއްކާ އަގުތަކަކީ 50 ރުފިޔާއާއި 100 ރުފިޔާއަށް ކަމަށެވެ.
ސިޑިބަރިން 50 ރުފިޔާ އަދި ގޮނޑިބަރިން 100 ރުފިޔާއަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މި މުބާރާތުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ޕާކިސްތާނެވެ.
މި މެޗުގެ ޓިކެޓްތައް މިހާރު ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. ވީހާވެސް ގިނަ ބަޔަކަށް މި މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގެ ގައުމީ ޓީމުގެ އެދުމަކީ ރާއްޖެ ކުޅޭ މެޗުތަކަށް ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ދަނޑުފުރާލަދިނުމެވެ. އަދި ގައިމީ ޖޯޝާއެކު ދިވެހި ކުޅުންތެރިންނަށް ސަޕޯޓު ކޮށްދިނުމެވެ. ކޮންމެ މެޗަކަށްވެސް އެންމެ ގިނަވެގެން ވިއްކާނީ 4000 ޓިކެޓު ކަމަށް އެފްއޭއެމުން ބުނެއެވެ.


މުބާރާތުގެ ޓިކެޓް ވިއްކަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށިތާ 75 އަހަރު ފުރޭ މުނާބަތާއި ގުޅުވައިގެން އެފްއޭއެމުން އިންތިޒާމު ކުރި މުބާރާތެކެވެ. މި މުބާރާތުގެ ކުރިޔަށް ހުރި މެޗުތަކަކަށް ބަލާއިރު މާދަމާރޭ ކުޅެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. އެއަށްފަހު 7 ޖޫންގައި އޮންނާނީ އަފްޣާނިސްތާނާއި ޕާކިސްތާނު ބައްދަލުކުރާ މެޗެވެ. މި މެޗުގައި އޮންނާނީ އެ ދުވަހު ހަވީރެވެ. އެރޭ 21:00 ގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އޮންނާނެއެވެ. އެއަށްފަހު އޮންނާނީ މުބާރާތުގެ ފައިނަލް މެޗެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 10 ޖޫން ވާ ބުދަ ދުވަހުގެ ރޭ 21:00 ގައެވެ.