އަފްޣާނިސްތާނު ޓީމުގެ ހެޑް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގުއެއިރާ ރާއްޖޭގެ ގައުމީ ކޯޗު އިސްތަވާން އުރްބާނީއަށް ތައުރީފްކޮށްފިއެވެ.

އަފްޣާން ކޯޗު، ރާއްޖޭގެ ގައުމީ ކޯޗަށް ތައުރީފްކޮށްފައިވަނީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ރާއްޖެއާއި ވާދަކޮށް 1-0 ގެ ނަތީޖާއިން އެޓީމު މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. ހޯސޭ އެންޓޯނިއޯ ބުނެފަވަނީ މެޗުގެ ކުރީކޮޅު އެޓީމުން ހަމަޖެހިލައިގެން ތިބެ މެޗު ޑޮމިނޭޓްކުރި ނަމަވެސް ދެވަނަ ހާފާއެކު ރާއްޖޭގެ ޓީމަށް ކޯޗު ގެނައި ބަދަލުތަކާއެކު އަފްޣާން ޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ ޓީމުގެ މެދުތެރެއަށް ކޯޗު ގެނައި ބަދަލާ ގުޅިގެން އަފްޣާން ކުޅުންތެރިންނަށް ވަރުބަލިކަން އިހްސާސްވާންފެށިކަމަށާ، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޓީމަށް ގެނައި ބަދަލަކީ ތައުރީފް ހައްގު ބަދަލެއްކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

"މެޗުގެ ފުރަތަމަ ކޮޅު އަހަރުމެންނަށް ވަރަށް ރަނގަޅަށް ކުޅެވުން. 45 ވަރަކަށް މިނިޓް މެޗު ޑޮމިނޭޓްކުރީ އަފްޣާން ޓީމުން. އެހެންނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުގެ މެދުތެރެއަށް ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ޓީމަށް ކުރިއެރުންތަކެއް އައިތަން ފެނުނު. އެކަމުގެ ސަބަބުން އަފްޣާން ކުޅުންތެރިން ވަރުބަލިވާންފެށި. ހަގީގަތުގައިވެސް ރާއްޖޭގެ ޓީމަށް ކޯޗް ގެނައި ބަދަލުތަކަކީ ވަރަށް ރަނގަޅު ބަދަލުތަކެއް" ކޯޗް ބުންޏެވެ.

އަފްޣާން ކޯޗުގެ ތައުރީފް ރާއްޖޭގެ ގައުމީ ކޯޗަށް
އަފްޣާން ކޯޗުގެ ތައުރީފް ރާއްޖޭގެ ގައުމީ ކޯޗަށް

މިމެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ގެނައި ބަދަލުތަކަށް ބަލާއިރު، ޒުވާން ތަރި އަޙްޒަމް ރަޝީދުގެ ބަދަލުގައި ޢަލީ ފާސިރު ވަނީ ކުޅެން އަރާފައެވެ. މިއާއެކު ރާއްޖޭގެ އެޓޭކުތައް އިތުރަށް ވަރުގަދަވެ، ފާސިރުގެ އެޓޭކިން ތަޖުރިބާގެ އެހީގައި އަފްޣާނިސްތާންގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ.

އޭގެ އިތުރުން ކެޕްޓަން ހަމްޒާގެ ބަދަލުގައި އިބްރާޙީމް މަހުދީ ވެސް ދެވަނަ ހާފުގައި ކުޅެން އަރާފައިވާއިރު މި ހާފުގައި ފެނިގެންދިޔަ އަނެއް ބަދަލަކީ ނާއިޒް ހަސަން އާއި އުއްމީދީ ތަރި ނައްސާޙް އިބްރާޙީމް ކުޅެން އެރުމެވެ. މިކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެންދިޔަތަން ފެނުނެވެ.

މި މެޗުގައި އަފްޣާން ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކަށް ހުރަސްއެޅުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ޑިފެންޑަރު ޙަސަން އީނާޒްގެ ކުޅުންވެސް ވަރަށް ބޮޑަށް ފާހަގަވެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން މެޗާ ގުޅޭގޮތުން އަފްޣާން ކޯޗު އިތުރަށް ބުނީ މެޗު ކާމިޔާބުކުރެވުނީތީ އުފާކުރާކަމަށެވެ. އެގައުމުގެ ޓީމަކީ ތަރައްގީކުރަމުން އަންނަ ޓީމަކަށްވުމުން ބައިނަލްއަގްވާމީ މެޗު ތަޖުރިބާތަކާއި ކާމިޔާބީތަކަކީ އެޓީމުގެ ކުރިއެރުމުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

"ޓީމާމެދު ވަރަށް ފަޚުރުވެރިވަން، މެޗު ކާމިޔާބުކުރެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެ. މިމެޗު ކާމިޔާބުކުރުން އަހަރުމެންނަށް ވަރަށް މުހިންމު. މި ކުޅުންތެރިން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް މިދަނީ ކުރެވެމުން. މި މެޗުގައި ދެޓީމުގެ ފަރާތުން ފެނުނު ކުޅުންވެސް ހަމަ ރަނގަޅު" ހޯސޭ އެންޓޯނިއޯ ބުންޏެވެ.

އަފްޣާން ކޯޗުގެ ތައުރީފް ރާއްޖޭގެ ގައުމީ ކޯޗަށް
އަފްޣާން ކޯޗުގެ ތައުރީފް ރާއްޖޭގެ ގައުމީ ކޯޗަށް

އަފްޣާނިސްތާނު ޓީމުން މުބާރާތާ ކުރިމަތިލީ ފައިނަލުގެ ޖާގައަކަށް އަމާޒު ހިފައިގެންކަމަށާޢި، މުބާރާތުގައި ވާދަކުރަމުންދާ ހުރިހާ ޓީމަކީވެސް މޮޅެތި ޓީމުތައްކަމަށް ކޯޗު ފާހަގަކުރިއެވެ. މުބާރާތުގައި އެޓީމުން ވާދަކުރާނީ އިދިކޮޅު ޓީމުތަކަށް އިހުތިރާމް ދީގެންކަމަށް ހޯސޭ އެންޓޯނިއޯ ބުންޏެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭނީ ކުރިއަށް އޮތް މެޗުގެ ކުރިން ކުޅުންތެރިންގެ ރިކަވަރީގެ ކަންތައްތަކަށްކަމަށް ކޯޗް ބުންޏެވެ.

"ފައިނަލް މުޅިން ތަފާތުވާނެ. ފައިނަލަކީ ފައިނަލް. މެޗުތަކަކުން މޮޅުވެވިދާނެ. އަހަރުމެންގެ އަމާޒަކީ ފައިނަލުގައި ކުޅުން. އެހެންކަމުން ފަހަރަކު ފިޔަވަޅެއް އަޅަމުން އަހަރުމެން ދާނީ. ލިބިފަ މިވާ ތިން ޕޮއިންޓަކީ ބޮޑު ހިތްހަމަޖެހުމެއް. ކުރިއަށް މެޗުގެ ކުރިން ކުޅުންތެރިން ރިކަވާކުރުމަށް އެންމެ ބޮޑު އިސްކަމެއް މިވަގުތު ދޭނީ. އިންޝާﷲ ފައިނަލުގައި ވާދަކުރުން އުންމީދަކީ" ކޯޗް ބުންޏެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި އަފްޣާން ޓީމުން ދެން ނުކުންނާނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. އެއަށްފަހު 7 ވަނަ ދުވަހުގެ ހަވީރު އެޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅޭނެއެވެ.