ޅ.ނައިފަރު ފުޓްސަލް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ "ކުރުކުޗޫނާ ފުޓްސެލް ޗެލެންޖް 2026" ގެ ފައިނަލްގެ ޖާގަތައް، ވެސްޓަރން އެސްސީއާއި "ޔޫރަޕް" ހޯދައިފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ކޮނަހާސް އާ ވާދަކޮށް، ވެސްޓަރން އިން ފައިނަލްގެ ޖާގައެއް ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި، ވެސްޓަރން އިން ލީޑު ނަގާފައިވަނިކޮށް ކޮނަހާސް އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހާފައެވެ. ނަމަވެސް، އެޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށްފަހު، ވެސްޓަރން އިން މެޗު ކާމިޔާބުކޮށްފައިވަނީ 4-5 ގެ ނަތީޖާއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ވެސްޓަރންގެ އާދީ ޢަބްދުލްޣަނީއެވެ.

ދެވަނަ މެޗުގައި ދަ ބްލޫސް އާއި "ޔޫރަޕް" ބައްދަލުކުރި މެޗު، "ޔޫރަޕް" އިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ "ޔޫރަޕް" ގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އަޙްމަދު އަތުވާން ޢަލީއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރެއެވެ.