ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ދުވަހުގެ މެޗުތައް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ޔޫތު ނިއު ޖެނެރޭޝަން، ރާއްޖެ ވޮލީ ކްލަބު، އަސްދިގާ ސްޕޯޓްސް ކްލަބް އަދި ވޮލީބޯލް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބުކޮށްފިއެވެ.
ގައުމީ ވޮލީބޯޅަ ލީގު ގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން މޮޅުވެފައިވަނީ މުނީޒް ވޮލީބޯލް މޫވްމެންޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 18-04، 18-06 އަދި 18-05 އިންނެވެ.
ދެވަނަ މެޗުގައި ކްލަބް ވޮލީބޯލާއި ޔޫތު ނިއު ޖެނެރޭޝަން ވާދަކުރިއިރު، ސީދާ ތިން ސެޓުން މެޗު ގެންގޮސްފަވަނީ ޔޫތު ނިއު ޖެނެރޭޝަނުންނެވެ. މިމެޗުގެ ސެޓުތައް އެޓީމުން ކާމިޔާބުކުރީ 18-07، 18-09 އަދި 18-11 އިންނެވެ.


ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ކުޅުމުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް
ތިންވަނަ މެޗު ފާހަގަކުރެވުނީ ފޯރި ގަދަ މެޗެއްގެ ގޮތުގައެވެ. ފަސް ސެޓަށް ކުޅެންޖެހުނު މިމެޗުން ރާއްޖެ ވޮލީ ކުލަބުން ވަނީ ސްޕޯޓްސް ކުލަބް ވިޝަންގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގެ ފުރަތަމަ ސެޓު 18-13 އިން ވިޝަން ނަގާފައިވަނިކޮށް، ފަހަތުން އަރާ ރާއްޖެ ވޮލީ ކުލަބުންވަނީ 18-15 އަދި 18-12 އިން މެޗުގެ ލީޑު ނަގާފައެވެ. އެހެންނަމަވެސް ރާއްޖެ ވޮލީ ކުލަބުން ފަހަތަށް ނުޖެހި ހަތަރުވަނަ ސެޓު 18-10 އިން ވިޝަންގެ މައްޗަށް ކުރި ހޯދިއެވެ. މިމެޗުގެ ފަސްވަނަ ސެޓުވެސް ވަރަށް ވާދަވެރިކޮށް ދިޔައިރު، ރާއްޖެ ވޮލީ ކުލަބުން މިސެޓު ހޯދީ 15-13 ގެ ހަނި ފަރަގަކުންނެވެ.
ހަތަރުވަނަ މެޗު އަސްދިގާ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ އައްޑޫ ސްޕޯޓްސް ކުލަބު 3 ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓުތައް ދިޔައީ 12-18، 14-18 ،18-11 އަދި 15-18 އިންނެވެ.
ގައުމީ ވޮލީބޯޅަ ލީގު ގެ ދެވަނަ ދުވަހުގެ ފަހު މެޗު ވޮލީބޯލް ފެމިލީ އެސޯސިއޭޝަނުން، ދަ ސަދާން ސްޕޯޓްސްއާއި ވާދަކޮށް ކާމިޔާބުކޮށްފަވަނީ 3 ސެޓު 1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓުތައް ގޮސްފަވަނީ 16-18، 18-11، 18-08، 18-16 އިންނެވެ.


ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ކުޅުމުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް
ލީގުގެ ތިންވަނަ ދުވަހުގެ ޝެޑިއުލަށް ބަލާއިރު، އަންހެން ޑިވިޝަނުގައި ތާވަލުކޮށްފަވަނީ އެންމެ މެޗެކެވެ. މިމެޗުގައި ވާދަކުރާނީ ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި ސިޓީ ސްޕޯޓްސް ކުލަބެވެ. ދެވަނަ ޑިވިޝަނުގެ މެޗުތައްވެސް މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި ވާދަކުރާނީ އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް އާއި މާތޮޑާ ސްޕޯޓްސް ކުލަބެވެ. އަދި ދެވަނަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން އާއި އައްޑޫ ސްޕޯޓްސް ކުލަބް ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި ވާދަކުރާނީ ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއާއި މުނީޒް ވޮލީބޯލް މޫވްމެންޓެވެ. އަދި ފަހު މެޗުގައި ވާދަކުރާނީ ކުލަބް ހާފްލައިން ލިންކޭޖާއި ޔުނައިޓެޑް ހެންވޭރިއަންސްއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ އަންހެން މެޗުތަކުގެ ކުޅުން މިމަހުގެ 1 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާނެއެވެ. އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 24 ޓީމަކުން ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މިމަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި ހަތަރު ޕޫލަށް ބަހާލާފަވާއިރު، 13 ޓީމަކުން ވާދަކުރެއެވެ.