ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ.
މާދަމައިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަށް 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި، ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މަހެއްހައި ދުވަސް ވެއްޖެއެވެ.
ފުރަތަމަ އެކުލަވާލި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮޑުގައި ނުހިމެނުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގެ ކެޕްޓަން ސަމޫޙު އަލީ (ސަމުއްޓޭ) އަދި ތަޖުރިބާކާރު ޑިފެންޑަރު މުޙައްމަދު އިރުފާން (އިރޭ) ފާހަގަކޮށްލެވެއެވެ. މި ދެ ކުޅުންތެރިންނަށް ވެސް ސްކޮޑުން ޖާގަ ގެއްލުނީ، ސީޒަން ނިމުނުފަހުން ކުޅުނު މުބާރާތެއްގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން، ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވުމާ ގުޅިގެންނެވެ.
މީގެއިތުރުން، ޒުވާން ޤައުމީ ޓީމުގައި ހިމެނުނު ކްލަބް ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާޙީމް ޒަކީ އާއި އަޙްމަދު މާއިޝް ރަޝީދު، އަޙްމަދު ރިޒްވާން (ރިޒޭ)، ޙަސަން ރާއިފް (ހަންނަ)، މުޙައްމަދު އަޝްވާން، މުޙައްމަދު ނައިސަމް ނަސީމް، މުޒްދާން ޙަސަން އަދި ޒުވާން ޓީމުގެ ކީޕަރު ޒަޙްރާން ޙަސަން ޒިޔާދަށް ވެސް ފައިނަލް ސްކޮޑުން ފުރުސަތު ލިބޭގޮތެއް ނުވިއެވެ.
ފުރަތަމަ އެކުލަވާލި ވަގުތީ ސްކޮޑުން ފުރުސަތު ނުލިބުނު ނަމަވެސް ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުން، ޙަސަން އީނާޒް އަށް ވަނީ ފުރުސަތު ދީފައެވެ.

ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު:
- އަލީ އަޝްފާޤް
- މުޙައްމަދު ފައިސަލް
- އަމްދާން އަލީ
- އިބްރާޙީމް އައިސަމް
- ނާއިޒް ޙަސަން
- އަލީ ފާސިރު
- އިބްރާޙީމް މަހުދީ ޙުސެއިން
- އިބްރާޙީމް ވަހީދު ޙަސަން
- މުޙައްމަދު އިލާން އިމްރާން
- އަޙްމަދު އައިހަމް
- ހަމްޒާ މުޙައްމަދު
- ހައިޝަމް ޙަސަން
- ޙަސަން އީނާޒް
- ޠާއިފް ޤާސިމް
- އަޙްޒަމް ރަޝީދު
- ނާޝިއު އަޙްމަދު ޝިހާމް
- އަޙްމަދު އައިހަމް
- އަބްދުﷲ ލޫތު އިބްރާޙީމް
- ޙުސެއިން ޝަރީފް
- ނައްސާޙް އިބްރާޙީމް ނާސިޙް
- ޙުސެއިން ޝިފާއު ޔޫސުފް
- މުޙައްމަދު ޝަފީއު
- އަޙްމަދު އަބްދުﷲ

23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު ގޮވައިގެން ނުކުމެ މުބާރާތުގައި ރާއްޖެ ޓީމަށް އިރުޝާދުދޭނީ ޤައުމީ ޓީމުގެ ހެޑް ކޯޗު، އިސްޓަވާން އުރުބާނީއެވެ.
ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްޣާނިސްޠާން އަދި ޕާކިސްތާން ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. މާދަމާ ރޭގެ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްޠާނެވެ.
މުބާރާތުގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރުގެ ހައިސިއްޔަތުން މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.