ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތްކަމަށެވެ. އަދި އަންނަ އޮތް ޖީލު މިވަބާއިން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ޕޯސްޓުގައިވަނީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ހޭލުންތެރިކުރުވުމާއި، ތަޢުލީމާއި އެންމެން ގުޅިގެން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށްވަނީ ގޮވާލައްވާފައެވެ

ދުންފަތާދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހެވެ.