އިބޯލާ ފެތުރޭތީ އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭގޮތަށް އެ ޤައުމުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން، ޑީޖީސީއޭއިން ހަމަޖައްސަވައިފިއެވެ.
މިއީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިބޯލާ ބައްޔަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
މި ފިޔަވަޅާއެކު، ދަތުރުކުރާއިރު ފްލައިޓް ތެރޭގައި ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން އެންގުމާއި، ފަސިންޖަރުން އަމިއްލައަށް ޞިއްޙީ ހާލަތު ބަޔާންކުރާ ސެލްފް-ޑެކްލަރޭޝަން ފޯމު ހުށަހެޅުމަށް ވަނީ އަންގަވާފައެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ، މިކަން ފަސިންޖަރުންގެ ސަމާލު ކަމަށް ގެނެސްފައެވެ. ސެލްފް ޑެކްލަރޭޝަން ފޯމް މޯލްޑިވިއަންގެ ވެބްސައިޓުން ލިބޭނެއެވެ.
މި ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ، އިންޑިއާއަށް ގޮސް އެ ޤައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
އިންޑިއާގައި ވަނީ، އިބޯލާ ވައިރަހުގެ އަލާމާތް ހުރި ކަމަށް ބެލެވިގެން ބައެއް މީހުން ޓެސްޓުކޮށްފައެވެ. މިހާތަނަށް ނަތީޖާ ލިބުނު މީހުން ބައްޔަށް ނެގެޓިވް ވިނަމަވެސް ރައްކާތެރިކަމުގެ ގޮތުން އެ މީހުން ކަރަންޓީނުގައި ބައިތިއްބަން ވަނީ ނިންމާފައެވެ.
Heading to India? ✈️
Don’t forget your mandatory Self-Declaration Form!
Scan the QR code to fill it out before your flight and present it at Immigration upon arrival.#MaldivianAeropic.twitter.com/I03jJXLRYj— MaldivianAero (@MaldivianAero)May 28, 2026
އިބޯލާއަކީ، އާންމު ސިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައެޅުމާއި ގުޅިގެން ބަލީގެ ހާލަތު ދަނީ، މޮނިޓަރ ކުރަމުންނެވެ.
މި ބަލި ރާއްޖެއަށް އައުމުގެ ފުރުޞަތު އޮތް މިންވަރު ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބަލި ފެތުރެމުންދާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.