ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު 300 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އާދިއްތަ ދުވަހު މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.