އަޟްޙާ ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، ކުރީގައި އޮތް އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފު އެދިވަޑައިގެންފިއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފުވަނީ، އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ނައިބު ރައީސްގެ ޢީދު މެސެޖުގައިވަނީ، ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށްވުމަށް ގޮވާލައްވާފައެވެ.

ކުރީގައި އޮތް އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަކުރުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ. ހަމައެއާއެކު އެކަކު އަނެކަކަށް ހެޔޮ އެދި އިސްލާމީ މަތިވެރި ސަލާމުން އަމާންކަމާއެކު ސަލާމް ކުރުމަށްވެސް އެމަނިކުފާނު ވަނީ ނަސޭޙަތް ދެއްވާފައެވެ. ނައިބު ރައީސް ވިދާޅުވީ، ކާބަފައިން ބުނެއުޅުނު ފަދައިން އެކުވެރިކަމަކީ، ގަދަފަދަ ބާރެއް ކަމަށެވެ.

އަޟްޙާ ޢީދަކީ، މުސްލިމުންނަށް އަންނަ ބޮޑު 2 ޢީދުގެ ތެރެއިން ޙައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ ޢީދެވެ.