ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފުޅާވެގެންދާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދުން ފެށިގެން ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެ ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ.
އިނގިރޭސިވިލާތުން ނިންމި މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ، މީގެކުރިން ވަރަށް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރެއްވި ކަމެކެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތްކުރާތާ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަނީ ވެފައެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށެވެ. އަދި މިއީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ، ސިފަކުރައްވާފައެވެ.
I warmly welcome the United Kingdom’s decision to suspend tariffs on tuna imports effective 20th May 2026.
This important development will support British consumers while delivering meaningful benefits to the Maldives’ fisheries sector, strengthening fishermen’s incomes,…https://t.co/WFLQy5PWrH— Dr Mohamed Muizzu (@MMuizzu)May 20, 2026
މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ މި ނިންމުމާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ޤައުމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި ތާރީޚީ ކުރިއެރުމުން ހާމަވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުމުގެ އިތުރުން، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރަށާއި، ދިވެހި މަސްވެރިންނަށާއި ރާއްޖޭގެ އިގްތިސާދަށް ލިބުނު މި ކުރިއެރުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.