ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުމުނަމާއެއްގައި ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސޮއިކޮށްފައިވިއެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިފާޢީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޙަސަން ރަޝީދެވެ. އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑްގެ ރިއަރ އެޑްމިރަލް ކޮމާންޑަރ ބްރެޓް ސޮންޓަރއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.
A Memorandum of Understanding concerning Civil Maritime Security was signed today between the Ministry of Defence and National Service and the Australian Border Force Command.
The MoU establishes a comprehensive framework for cooperation through joint training, coordinated…pic.twitter.com/etx52kdNFg— Ministry of Defence and National Service (@MoDmv)May 7, 2026
ދިފާޢީ ވުޒާރާ އަދި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑް ދެމެދު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެއެވެ. މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. މީގެ ތެރޭގައި ދިފާޢީ ދައިރާއިން ގިނަ އެހީތައް ފޯރުކޮށްދޭއިރު އެންމެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ އެގޮތުން ފާހަގަކޮށްލެވޭ ބޯޓެކެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ހޯއްދެވި ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.