ކުޅުންތެރިއަކާ ކުރިމަތިލާއިރު އަނގަ ފޮނުވައިގެން މުއާމަލާތް ކޮށްފިނަމަ އެ ކުޅުންތެރިއަކަށް ވަގުތުން ރަތް ކާޑު ދައްކަން ނިންމައިފި އެވެ.
ފީފާގެ އިސް ނެގުމާއެކު އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ބޯޑުން ވަނީ ކޮލަމްބިއާގެ ވެންކޫވާގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ފުޓްބޯޅަ ގަވާއިދަށް މި ބަދަލު ގެނެސްފަ އެވެ. އަދި ވޯލްޑް ކަޕުން ފެށިން މިކަމަށް އަމަލު ކުރާނެ އެވެ.
މި ގޮތަށް ނިންމީ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާ އާއި ސްޕޭނުގެ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހިނގައިދިޔަ ހާދިސާގެ ސަބަބުންނެވެ. އެ މެޗުގައި ބެންފީކާގެ ޖިއާންލޫކާ ޕްރެސްޓިއާނީ ނަސްލީ ގޮތުން ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާއާ ދިމާކޮށް، މުހާތަބް ކުރީ ޖާޒީ މައްޗަށް ނަގައި އަނގަ ފޮރުވައިގެންނެވެ. އެއީ އޭނާ ވިނީޝިއުސްއާ ދިމާލަށް ބުނި އެއްޗެއް ވީޑިއޯގެ އެހީގައި ދެނެ ނުގަނެވޭނެ ގޮތް ހަދަން ވެގެންނެވެ. މި މައްސަލާގައި ޔޫއޭފާއިން މިހާރު ވަނީ އޭނާ ހަ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
ފީފާއިން މި ބަދަލު ގެނައުމަށް އިސްނެގީ ކުޅުންތެރިންގެ މެދުގައި ނަސްލީ ތަފާތު ކުރުން އިތުރުވުމާއި ދިމާކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާތީ އެވެ. މި ގޮތުން ބެންފީކާ އާއި ރެއާލްގެ މެޗު ވެސް އެތައް އިރެއް ވަންދެން މެދު ކަނޑާލަން ޖެހުނެވެ.
މެޗު ފުރިހަމަ ކުރަން ދެކޮޅު ހަދައިފިނަމަ އިދިކޮޅު ޓީމު މޮޅުވާނެ
މީގެ އިތުރުން ނިންމާފައިވަނީ މެޗެއް ފުރިހަމަ ކުރަން ޓީމަކުން ދެކޮޅު ހަދައިފިނަމަ އެ މެޗަކުން އިދިކޮޅު ޓީމު މޮޅުވާނެ ކަމަށެވެ.
މި ބަދަލަކީ އެންމެ ފަހުގެ އެފްރިކާ ކަޕުގެ ފައިނަލް މެޗަށް ބަލައި ގެނައި ބަދަލެކެވެ. އެ މެޗުގައި ރެފްރީގެ ނިންމުމަކާ ދެކޮޅު ހަދައި ސެނަގާލް މުޅި ޓީމު ދަނޑުން ފައިބައި ޗޭންޖިން ރޫމަށް ދިޔަ އެވެ. ފަހުން ކުޅެން އައީ 20 މިނިޓް ފަހުންނެވެ. ތަށި ހޯދީ ވެސް އެ މީހުންނެވެ. މި މައްސަލާގައި އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސެނަގާލް އަތުން ތަށި އަތުލަން ނިންމައިފަ އެވެ. ނަމަވެސް އެ ގައުމުން ވަނީ މައްސަލަ ކާސްގައި އިސްތިއުނާފު ކޮށްފަ އެވެ.