ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ. ޖޭއެސްއިން މިމުބާރާތުގެ ޗެންޕިއަންކަން ކަށަވަރުކުރީ ރެހެންދި ސްކޫލްއާއި ވާދަކޮށް 10 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ދިޔަ މިމެޗުގައި ގުރު ދިމާވެގެން ޖަމާލުއްދީން ސްކޫލުން ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން ރެހެންދި ސްކޫލުން ކުޅެން އަރާ 10 އޯވަރު ތެރޭ 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 17 ލަނޑު ހެދި މުހަންމަދު ޚަލަފްއެވެ.

ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީނަށް
ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީނަށް

ޖަވާބުގައި ޖަމާލުއްދީން ސްކޫލުން ކުޅެން އަރާ 8.5 އޯވަރުތެރޭގައި އެއްވެސް ކުޅުންތެރިޔަކު ނުބައިނުވެ 74 ލަނޑު ހަދާ މުބާރާތުގެ ޗެންޕިއަންކަން ކަށަވަރުކުރިއެވެ. ޖަމާލުއްދީންއިން މިމެޗުގައި އެންމެ ރަނގަޅަށް ކުޅެފައިވަނީ 25 ބޯޅައިން 29 ލަނޑު ހެދި ކަތުމް ޝިފާޒް އަލީއެވެ. އޭނާވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަކާއި ކުޅުންތެރިންނަށްވަނީ ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިމެޗު ޝަރަފުވެރިކޮށްދެއްވާ ޗެންޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ.

މީގެ އިތުރުން ސީބީއެމްގެ ނައިބު ރައީސް އަހްމަދު އިސްހާގާއި މުބާރާތުގައި ވާދަކުރި ސްކޫލްތަކުގެ އިސްވެރިންވެސްވަނީ ފައިނަލް މެޗު ބައްލަވާލައްވާ ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި ހަނދާނީ ލިޔުން ދެއްވާފައެވެ.

ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީނަށް
ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީނަށް

ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދިއިރު، ރަނަރަޕް ޓީމަކީ ރެހެންދި ސްކޫލްއެވެ. އަދި މުބާރާތުގެ ތިންވަނަ ލިބުނީ ތާޖުއްދީން ސްކޫލްއަށެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އޭގެ ތެރޭގައި ހިމެނުނީ ޖޭއެސްގެ ކަތުމް އަލީ ޝިފާޒް އާއި އުމައިރް އިބްރާހިމްއެވެ. އަދި ރެހެންދި ސްކޫލްގެ ލިޝާން ސޮބާހް މުހަންމަދުގެ އިތުރުން ޝައްޔާން ޢަބްދުލްޣަފޫރްއާއި މުހަންމަދު ޚަލަފްވެސްވަނީ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

ކުރިކެޓްގެ ފޯރި އާލާކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިމުބާރާތް އަމާޒުކޮށްފައިވަނީ 16 އަހަރުންދަށުގެ އުމުރުފުރާއަށެވެ. މިއީ ގްރޭޓާ މާލެ ސަރަހައްދުގެ ޓީމުތަކަށް ޚާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މިމުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 19 އިން 27 ގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައެވެ.