ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޑް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން މޫނުމަތީގައި މާސްކް އަޅަން ޖެހިދާނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

މޮޑްރިޑްގެ މޫނުމަތީގެ ކަށިގަނޑަކަށް ވަނީ އަނިޔާވެފަ އެވެ. މި އަނިޔާ ލިބުނީ އިޓާލިއަން ލީގުގައި އޭނާގެ ކުލަބު އޭސީ މިލާނާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގަ އެވެ.

މި އަނިޔާގެ ސަބަބުން އައިސް ޕެކް އަޅައިގެން ދަނޑުން ބާލަން ޖެހުނު މޮޑްރިޗް ހުރީ ވޯލްޑް ކަޕް ނުކުޅެވިދާނެތީވެ ވަރަށް ކަންބޮޑުވެފައި ކަމަށް އޭސީ މިލާނުން ބުނެ އެވެ. ނަމަވެސް ކުލަބުގެ މެޑިކަލް ޓީމުން ބުނަނީ ވޯލްޑް ކަޕް ކުޅެވޭނެ ކަމަށާއި ނަމަވެސް އެއީ ކޮން ހާލަތެއްގައިކަން ބުނަން އެނގޭނީ ޓެސްޓްތަކަށް ފަހު ކަމަށެވެ.

"އަދި ދޭން ޖެހެނީ ކޮން ފަރުވާއެއް ކަމެއް ސާފެއް ނުވޭ. ފަހަރުގައި އޮޕަރޭޝަން ވެސް ކުރަން ޖެހިދާނެ. ނޫނީ އެހެން ފަރުވާއަކާއެކު ވެސް ކުޅެވިދާނެ،" މިލާނުގެ މެޑިކަލް ޓީމުން ބުންޏެވެ.

އުމުރުން 41 އަހަރުގެ މޮޑްރިޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުން ގާތެވެ. ސަބަބަކީ އުމުރު މަތިވުމެވެ. މޮޑްރިޗް ހިމެނޭނީ މި ފަހަރުގެ ވޯލްޑްކަޕުގައި ފެނިގެންދާނެ 40 އަހަރުން މަތީގެ މަދު ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.