ޅ.ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ %95 ނިމިއްޖެއެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލު ކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ %95 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ މަސައްކަތަށް %70ގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ހިއްކި ބިން ޙިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. 679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
Our Deputy Managing Director, Mohamed Jamsheed inspected the progress of Lh. Naifaru Land Reclamation and Shore Protection Project. He was accompanied by the hon. parliament member for Lh. Naifaru constituency, Yaaseen Abdullah.
Reclamation works for the project is 95%…pic.twitter.com/oIMpEpNWKo— MTCC Plc (@MTCCPlc)April 26, 2026
ނައިފަރަކީ، 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ، ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ ބިން ހިއްކަނީ، އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، ރަށުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް އިތުރު ކޮށްދިނުމަށެވެ.
ސަރުކާރުން 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ޙަވާލުކުރިއިރު، އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އަރބަން ސެންޓަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށް އިތުރަށް ތަރައްޤީކޮށް އެއީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ނައިފަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެސަރަޙައްދުގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހައުސިންގ ޔުނިޓުތައް ތަރައްޤީ ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އާބާދީގައި 5800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ، 55 ހެކްޓަރެވެ.