އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި، މުދާ އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވައިލާފައިވާ ކަން އިޢުލާންކުރުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގުތައް ވެއްޓެން ފަށާފައިވީ ނަަމަވެސް، ކަނޑުއޮޅިން ދަތުރުކުރުމަށް ބޮޑެތި ޝިޕިންގ ކުންފުނިތަކުން އަދިވެސް ފަސްޖެހިފައިވާ ކަން ހާމަވެއްޖެއެވެ. ޞަހްޔޫނީންނާ ގުޅިގެން ފެބުރުވަރީ 28 ގައި ފެށި ހަނގުރާމަ އެޕްރީލު 8 ގައި ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. އީރާންގެ ދިފާޢުގައި ހުރްމުޒް ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، ޞަހްޔޫނީންނާއި ލުބްނާނާ ދެމެދު ވެވުނު ސުލްޙައިގެ އެއްބަސްވުމާ އެއްގޮތަށް ކަނޑުއޮޅި މިހާރު އޮތީ "މުޅިން ހުޅުވައިލާފައި" ކަމުގައެވެ. މި ކަން ކަށަވަރު ކޮށްދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދުވަހަކު ވެސް އެ ކަނޑުއޮޅި ބަންދު ނުކުރުމަށް ތެހްރާނުން އެއްބަސްވެފައިވާ ކަމުގައެވެ. ނަމަވެސް، އީރާންގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތަންފީޒު ކުރަމުންދާ ޙިޞާރު ދެމިއޮންނާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވިއެވެ.
މި ކުރިއެރުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް މަރުޙަބާ ވިދާޅުވެފައިވާއިރު، ހުޅަނގާއި ވިލާތުގެ އިއްތިޙާދުގެ (އީޔޫ) ވެރިން ތިއްބެވީ ވަރަށް ބޮޑަށް ސަމާލުވެފައެވެ. ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮންއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އިސްވެ ޕެރިހުގައި ބޭއްވި ބައްދަލުވުމެއްގައި، ހުރްމުޒްގެ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި ބައިނަލްއަޤުވާމީ ސުލްޙަވެރި މިޝަނެއް އެކުލަވައިލުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ހުރްމުޒްގައި ހުރި މައިންތައް (ގޮވާތަކެތި) ނެގުމާއި ސަލާމަތީ ކަންކަމުގައި ޖަރުމަނުން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައެވެ.
ނަމަވެސް، އަމަލީ ގޮތުން ހުރްމުޒް ބޭނުންކުރާ ނޯވޭ، ޖަރުމަނުވިލާތް އަދި ޑެންމާކުގެ ބޮޑެތި ޝިޕިންގ ކުންފުނިތަކުން ބުނީ، ކަނޑުއޮޅީގައި މައިން ހުރެދާނެކަމުގެ ބިރާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، އެ ސަރަޙައްދުން ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ކަމުގައި އަދިވެސް ނުދެކޭ ކަމަށާއި، އެ ކަމަށް ފަސްޖެހޭ ކަމުގައެވެ. އެ ކުންފުނިތަކުން ވަނީ ދަތުރުތައް އަލުން ފެށުމުގެ ކުރިން މަސްރަޙު އިތުރަށް ދިރާސާކުރާނެ ކަމުގައި ބުނެފައެވެ.
ހުރްމުޒް ހުޅުވައިލުމުން މަރުޙަބާކީ ނަމަވެސް ޝިޕިންގ ކުންފިތަކުން އަދިވެސް ޖެހިލުންވޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed