އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑާއި ޗެލްސީގެ ޒުވާން ތަރި ކޯލް ޕާމާއާ ގުޅުވައި މީޑިއާގައި ފެތުރެމުންދިޔަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ފާއިތުވީ ދުވަސްތަކުގައި އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ، ޗެލްސީގައި ފަހަކަށް އައިސް ޕާމާއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކިގެން އުޅެނީ، އޭނާ "ހޯމްސިކް" ވެގެން ކަމަށެވެ. ޕާމާ ވަނީ 13 އަހަރު މެންޗަސްޓަރ ގައި ހޭދަކޮށްފައެވެ.
ޔުނައިޓެޑާއި ޕާމާއާ ގުޅުވައި ވާހަކަތަކެއް ދެކެވުނު ނަމަވެސް، އޭނާ މި 13 އަހަރު ހޭދަކޮށްފައިވަނީ މެންޗަސްޓަރ ސިޓީގައެވެ. ސިޓީގައި އެހާ ދުވަސް ހޭދަކުރި ނަމަވެސް، ޕާމާ އަކީ ކުޑައިރުއްސުރެ ޔުނައިޓެޑުގެ ސަޕޯޓަރެއްކަން މީގެކުރިން އޭނާ ހާމަކޮށްފައިވެއެވެ.
ޗެލްސީއާއެކު ކުޅުނު ފުރަތަމަ ދެ ސީޒަނުގައި، 97 މެޗުން ކޯލް ޕާމާ ވަނީ 43 ލަނޑު ޖަހާފައެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް ފޯމު ގެއްލިފައިވާ ޕާމާއަށް މި ސީޒަނުގައި ޖެހިފައި ވަނީ އެންމެ 10 ލަނޑެވެ.
މިފަދަ އެތައް ކަމަކަށް ރިއާޔަތްކޮށް ޕާމާ ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމަށް ބުނެ ޚަބަތުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ޕާމާ ބުނީ، މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.
ޕާމާ ބުނީ، މިފަދަ ރިޕޯޓުތައް ފެނުމުން އަންނަނީ ހިނި ކަމަށެވެ. އެހެންނަމަވެސް، މެންޗަސްޓަރ އަކީ އޭނާގެ "ހޯމް" ކަމަށާއި މުޅި އާއިލާ އޮތީ އެތަނުގައިކަން ޕާމާ ފާހަގަކުރިއެވެ. ކަން މިހެން އޮތްނަމަވެސް، ކުޅުމަށް އަސަރުކުރާ މިންވަރަށް މެންޗަސްޓަރ މަތިން ހަނދާންވެ، "މިސް" ނުވާކަމަށް ޕާމާ ބުންޏެވެ.
އުމުރުން 23 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޕާމާ، މެންޗަސްޓަރ ސިޓީން ޗެލްސީއަށް ބަދަލުވީ 2023 ވަނަ އަހަރު، 42.5 މިލިއަން ޕައުންޑުގެ ފީއެއްގައެވެ.
ޗެލްސީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ޕާމާ ހާމަކޮށްފައިވާއިރު، އޭނާ ވަނީ 2024 ވަނަ އަހަރު، 2033 ވަނަ އަހަރާ ހަމައަށް ދެމިގެންދާ ކޮންޓްރެކްޓެއް، ޗެލްސީއާއެކު ހަދާފައެވެ.
ޔުނައިޓެޑަށް ބަދަލުވާން އުޅޭ ވާހަކަތައް ޕާމާ ދޮގުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed