ސަރުކާރުން އަބަދުވެސް ދެމުން އަންނަ އެއް ޔަޤީންކަމަކީ އަސާސީ މުދާތައް ރާއްޖެއަށް ދަތިކަމެއް ނެތި ލިބޭނެ ކަމެވެ. މި ޔަޤީންކަން އިތުރަށް ވަރުގަދަކޮށްދިން އެއް ކަމަކީ ސަރުކާރުން އަސާސީ ބާވައްތައް ގެނައުމަށް ހަމަޖެހިފައިވާ ތާރީޙުތައް އާންމު ކުރުމެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލިގެން ގޮސްފިއެވެ. އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރަށް މި ބާވަތްތައް ނެރުމުގެ އެންމެ މައި އެއް ދޮރު ހުރްމުޒް ކަނޑުއޮޅި ބަންދުވުމެވެ. އެ ކަނޑުއޮޅިން ދަތުރުތައް އީރާނުން ފުރަތަމަ ހިފެހެއްޓި ނަމަވެސް މިހާރު އެމެރިކާއިންވެސް ވަނީ އަމިއްލަ ފިޔަވަޅުތަކެއް އަޅައި އިތުރަށް ބަންދުކޮށްލާފައެވެ. މިކަން ކަންކަމާއެކުވެސް ސަރުކާރުން ބުނަމުން ދިޔައީ ތެލާއި ގޭހުގެ ދަތިކަމެއް ނާންނާނެ ކަމަށެވެ.
ދިވެހިރާއްޖެއަށް ތެލާއި ގޭސް އެތެރެކުރަނީ އެސްޓީއޯއިން އަދި އަމިއްލަ އެއްކުއްފުނިން ކަމަށްވާއިރު، މައިގަނޑުކޮށް އެސްޓީއޯއިން އެތެރެކުރަނީ މެދުއިރުމަތިންނެވެ. މިހާރު އެތެރެކުރަމުންދަނީ އޮމާނުންނެވެ. ހުރުމްޒު ކަނޑުއޮޅި ބަނދުވެ އިރާނުން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދާއި ބަލާ އޮމާންގެ ބަނދު އޮތީ އިރަށެވެ. އެހެން ކަމުން އޮމާން ބަނދުރުން މުދާ ހިފައިގެން ދަތުރު ކުރެވެއެވެ. އަދި މަގުން ކަން ހިންގާނެކަން ޚާރިޖީ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތުން ޔަޤީންވެސް ކުރެއެވެ.
ސަރުކާރުން މެދުއިރުމަތީގެ ކަންކަމާއި ގުޅުވައި އުފައްދަވާ ވަޒީރުންގެ ކޮމެޓީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ، ސަރުކާރުން މިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ވަޒީރުން ވަނީ، ތާރީޙުތައް އަސާސީ މުދާ ކުރިއަށް އޮތް ދެމަހަށްވެސް ރާއްޖެއަށް ލިބޭނެ ތާރީހުތައް ހިއްސާކޮށްދެއްވާފައެވެ.
އެސްޓީއޯއިން ދީފައިވާ މަޢުލޫމާތާ ޙަވާލާދެއްވައި ވަޒީރު ސައީދު ވިދާޅުވީ، އެޕްރީލް 20، މެއި 8، މެއި 26 އަދި ޖޫން 14 ވަނަ ދުވަހު ޕެޓްރޯލް ޝިޕްމަންޓްތައް ރާއްޖެ އަންނާނެ ކަމަށެވެ. ޑީސަލް ޝިޕްމަންޓުތައް އޭޕްރީލް 17، އޭޕްރީލް 30، މެއި 7 އަދި މެއި 15 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކައްކާ ގޭސް ޝިޕްމެންޓް 22 އަދި 23 އެޕްރީލްގައި ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެ ތާރީޙުތައްވެސް ވަޒީރު ސަޢީދު ވަނީ ހިއްސާކޮށްދެއްވާފައެވެ. އެގޮތުން އެޕްރީލް 14، 16، 26 އަދި 28 ވަނަ ދުވަހު މި ބާވައްތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. ސަރުކާރުން، ދަނީ އަސާސީ ބާވަތްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ 26 ބާވަތް ހުސް ނުވެ ރާއްޖެއިން ލިބޭނެކަން ކަށަވަރު ކުރަމުންނެވެ.
"އަޅުގަނޑުމެން ޚާރިޖީ ވުޒާރާއާއި އެކު މަސައްކަތް ކުރަމުން މިދަނީ އަސާސީ ބާވައްތަކުގެ މުދާ އިތުރު 7 މާކެޓަކުން ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި. މިކަމުގައި ކުރިއެރުންތަކެއް ލިބިފައި އެބަހުރި އެންމެ ބޮޑު ޕާޓްނާ އަކީ އިންޑިއާ. އޭގެ އިތުރަށް ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެބައޮތް ދެން މިއުޅެނީ ވިއެޓްނާމް މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތައް." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެކު ތެލާއި ގޭހާއި އަސާސީ އެހެނިހެން ބާވަތްތަކުގެ ކަށަވަރުކަން ދިވެހި ރައްޔިތުންނަށް މިހާރު ލިބިފައިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިން ވިޔަފާރިގެ ގުޅުން ނެތް ޤައުމުތަކާއި އެކު ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް ދެމެހެއްޓެނިވި ގުޅުމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ ސަބަބުން ބޭރުގެ ވަކި ބާޒާރަކަށް ބަރޯސާ ނުވެ ރާއްޖެއަށް ބޭނުންވާ މުދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައިވެއެވެ.