ދިވެހި ލީގުގެ ފުރަތަމަ ބުރު ޓީސީ ސްޕޯޓްސް ކުލަބުން ނިންމާލީ ތާވަލުގެ ނުވަވަނައިގައި އޮވެގެންނެވެ. އެއީ ކުޅުނު ނުވަ މެޗުން ފަސް ޕޮއިންޓާއެކުއެވެ.
އެ ބުރުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ޓީސީ 0-3 އިން ބަލިވި މެޗުގައި ޓީމަށް އިރުޝާދުދިނީ، އުނދަގޫ ހާލަތްތަކުގައި އޮންނަ ޓީމުތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ މުހައްމަދު އާތިފް (އާތީ) އެވެ.
އެ މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ވަނީ، ލީގުގެ ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީސީއެއް ކަމަށާއި، އައު ޖޯޝެއްގައި ރަނގަޅު މަގާމެއް ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެސް ޓީސީން ކުޅެން ޖެހުނީ އޮޑިއާއެވެ. އެ މެޗުންވެސް ޓީސީ ވަނީ 0-3 އިން ބަލިވެފައެވެ. އެހެންނަމަވެސް އާތިފް އުއްމީދު ކަނޑައެއް ނުލައެވެ. ބޭނުންވީ އޮޓޮމެޓިކް ރެލިގޭޝަނުން ޓީމު ސަލާމަތްކޮށްދޭށެވެ. އޭރު ޓީސީ އޮތީ ތާވަލުގެ ފުލުގައެވެ. 10 ވަނައިގައި، އޮޓޮމެޓިކް ރެލިގޭޝަން ޒޯނުގައެވެ.
އެތައް އުނދަގުލަކާއި ހުރަސްތަކަކާއެކު ވެސް، ވަރުގަދަ އަޒުމެއްގައި އާތިފްއާއި ޓީސީގެ ސްކޮޑުން ކުރި މަސައްކަތް ކާމިޔާބުވިއެވެ. މެޗަކަށްފަހު މެޗެއް ދިޔައީ ރަނގަޅުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ލީގުގައި ކުޅެމުންދިޔަ ހުރިހާ މެޗަކުން މޮޅުވަމުންދިޔަ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނުވީ ޓީސީންނެވެ. ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށް، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑެއް ނުހޯދުނީ، ދެވަނަ ބުރުގައި ޓީސީ އަތުން 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.


ލީގުގައި އެންމެފަހުން ޓީސީ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް
ޖެހިގެން އައި މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުން 1-3 އިން މޮޅުވިއެވެ. މިއީ ސީޒަނުގައި ޓީސީން ހޯދި ދެވަނަ މޮޅެވެ. މިއާއެކު ތާވަލުގެ ހަތްވަނައަށް ޓީސީ ކުރިއަށް ޖެހިލިއެވެ. އެފަހުން ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކުލަބު އަދި ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ވެސް ޓީސީން ވަނީ ކުރިހޯދާފައެވެ.
މިއާއެކު އާތިފް ކަނޑައެޅި ޓާގެޓު ހާސިލްވެ، އޮޓަމެޓިކް ރެލިގޭޝަނުން ޓީސީ ސަލާމަތްވެ، ރެލިގޭޝަން ޕްލޭއޮފްގެ ފުރުސަތު ހޯދިއެވެ. ޕްލޭއޮފް އިން ސަލާމަތް ނުވީވެސް ހަމަ ކިރިޔާއެވެ.
ކޮންމެއަކަސް އާތިފްއާއެކު ޓީސީއަށް ބޮޑެތި ކުރިއެރުންތަކެއް އައެވެ. ޕްލޭއޮފްގެ މެޗުތަކުގެ ކުރިން، ޓީސީން އެފްއޭ ކަޕުގައި ވާދަކުރިއިރު، މިހާރު މިވަނީ އެފްއޭ ކަޕުގެ ތަށްޓާ، ފިޔަވަޅެއްހައި ކައިރިއަށް ޖެހިލާފައެވެ. ލީގުގެ ފަހު ބުރުގައި ޓީސީ އަތުން ބަލިވި ވިކްޓްރީއާއި ބުރު ސްޕޯޓްސް ކުލަބު ކުއާޓަރ އަދި ސެމީ ފައިނަލުގައި ބަލިކުރުމަށްފަހު އާތި މިވަނީ ޓީމު ގޮވައިގެން މި ޝަރަފުވެރި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ރެލިގޭޝަނުގައި އޮތް ޓީސީ، ފައިނަލަކާ ހަމައަށް ގެންގޮސްދީފައެވެ.


ޓީސީއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް ނިއުސް
މިއީ 2017 ވަނަ އަހަރަށްފަހު ޓީސީން ޓޮޕް ޑިވިޝަނުގެ ފައިނަލެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. ކޯޗު ނިޒާމްގެ އިރުޝާދުގެ ދަށުން އެ ފަހަރު ޓީސީ ނިއުރޭޑިއަންޓާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި ނަމަވެސް، އާތިފްގެ އިރުޝާދުގެ ދަށުން މިފަހަރު ނިއުއާ ދެކޮޅަށް ޓީސީން ނުކުންނާނީ ބަދަލުހިފައި، ތާރީޚު ބަދަލުކުރުމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ ދުވަހުގެ އެ ހިތްދަތި ނާކާމިޔާބީ ތަޖުރިބާކުރި ބައެއް ކުޅުންތެރިން، މިފަހަރުގެ ފައިނަލުގައި ނިއުއާ ދެކޮޅަށް ކުޅޭއިރު ވެސް ޓީސީގެ ސްކޮޑުގައި ހިމެނެއެވެ. އަޙްމަދު ރިލްވާނާއި މުޙައްމަދު އަޖުފާންގެ އަޒުމަކަށްވާނީ، އެ ހަނދާންތައް ފޮހެލެވޭފަދަ ކާމިޔާބީއެއް ހޯދުމެވެ.
ދިވެހި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، ޓީސީ ގޮވައިގެން އާތިފް ކުރަމުން މިދާ ކާމިޔާބު މަސައްކަތަކީ ތައުރީފާއި ސެލިއުޓް ހައްގު މަސައްކަތެކެވެ. އާތިފް ވަނީ މީގެކުރިން ވެސް، މިފަދަ ހާލަތްތަކުގައި އޮތް ޓީމުތައް ގޮވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.