އީރާންގެ ކަނޑުގެ ސަރަޙައްދު ބަންދުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އަމަލުކުރަމުންދާ ޙިޞާރުގެ ދަށުން، މިހާތަނަށް އެ ޤައުމުގެ 14 އުޅަނދަކަށް ހުރަސްއަޅައި، އެނބުރި ބަނދަރަށް ވަނުމަށް މަޖުބޫރުކުރުވާފައިވާނެ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައި ވަނީ، އެ ކަނޑުއޮޅިން ދަތުރުކުރުމަށް އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް އީރާނުން ހުރަސްއެޅުމުންނެެވެ. މިއީ، ޞަޔްހޫނީންނާ ގުޅިގެން އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން އެޅި ފިޔަވަޅެކެވެ.
އެމެރިކާގެ ކަނޑުގެ ޙިޞާރު ތަންފީޒުކުރުމުގައި 12 މަނަވަރާއި، 100 އެއްހާ އަސްކަރީ މަތިންދާބޯޓުގެ އިތުރުން 10,000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ހާމަކުރިއެވެ. އެމެރިކާގެ ފައުޖުތަކުން ހުރަސްއަޅަމުންދަނީ ހަމައެކަނި އީރާނުގެ ބަނދަރުތަކަށާއި އެ ޤައުމުގެ އުޅަނދުފަހަރަށް ކަމުގައި ސެންޓްކޮމުން ބުންޏެވެ. އަދި، ބައިނަލްއަޤުވާމީ ދަތުރުފަތުރަށް މުހިންމު ކަނޑުއޮޅި، އެހެން ޤައުމުތަކުގެ އުޅަނދުފަހަރަށް ބަންދުކުރުމުގެ ނިޔަތެއް ނެތް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް، ހުރްމުޒް ކަނޑުއޮޅި "ބެލެހެއްޓުމަށް" ކަމުގައި ބުނެ އީރާންގެ އުޅަނދުފަހަރަށް ހުރަސްއަޅައި، އެ ޤައުމުގެ ބަނދަރުތައް ޙިޞާރުކުރަމުންދާ ނަމަ، އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާންގެ އިސް މުރުޝިދުގެ އަސްކަރީ މުޝީރު މުޙުސިން ރިޒާޔީ ވަނީ ދެއްވާފައެވެ. އެ ކަނޑުއޮޅީގެ "ފުލުހަކަށްވުމަށް" ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް، އެއީ އެމެރިކާ ފަދަ "ބާރުގަދަ" އަސްކަރިއްޔާއަކުން ކުރަންޖެހޭ ފަދަ މަސައްކަތެއް ނޫން ކަމުގައި ރިޒާޔީ ވިދާޅުވިއެވެ. އަދި، އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަތުމަކީ އީރާނުން އުފަލާއެކު މަރުޙަބާ ކިޔާނެ ކަމެއް ކަމަށާއި، އެފަދަ ޙާލަތެއްގައި އެމެރިކާގެ އެތައް ހާސް ސިފައިން ރަހީނުކޮށް، ކޮންމެ މީހަކަށް ބިލިޔަން ޑޮލަރުގެ ބަދަލެއް ހޯދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގު އޭޝިޔާ ސަރަޙައްދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓައިލާފައި ވަނީ ފެބުރުވަރީ 28 ގައި ޓްރަމްޕް ފެށްޓެވި ހަނގުރާމައާ އެކުގައެވެ. މި މައްސަލަ ޙައްލުކުރުމަށް ޕާކިސްތާނުން އިސްނަގައިގެން ބޭއްވި ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވީ ނަމަވެސް، ތެހްރާނާއި ވޮޝިންގްޓަނާ ދެމެދު މިހާރު ވެސް ބިނާކުރަނިވި ވާހަކަތަކެއް ދެމެވެމުންދާ ކަމުގައި އިސްލާމްއާބާދުން ބުންޏެވެ. އެޕްރީލު 8 ވަނަ ދުވަހު އީރާނާއި އެމެރިކާއިން ވަނީ ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައެވެ. އެ ކަމުގެ އެއްބަސްވުމުގެ މުއްދަތު އެޕްރީލު 22 ވަނަ ދުވަހަށް ހަމަވާއިރު، ރިޒާޔީ ވިދާޅުވީ، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ތެހްރާނުން ބޭނުންނުވާ ކަމުގައެވެ. ރިޒާޔީއަކީ އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) އިސް ކޮމާންޑަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ 14 އުޅަނދަކަށް ހުރަސްއަޅައިފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed