ޅ.ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ %54 މަސައްކަތް ނިންމާލައިފިއެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިމަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރަށަށް 44.8 ހެކްޓަރުގެ ބިން އިތުރު ކުރުމަށެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ %54 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަސައްކަތުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. 679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
Project Update: Design and build of Land Reclamation and Shore Protection at Lh. Naifaru
Dredging and reclamation works, sand bund works and emergency shore protection works are currently ongoing at the project site.
Follow more updates at:https://t.co/SfVAzkW2pp…pic.twitter.com/W5z7VEUCwK— MTCC Plc (@MTCCPlc)March 30, 2026
ނައިފަރަކީ 5000އަށްވުރެ ބޮޑު އާބާދީގެ ރަށެކެވެ. އަދި އެ ރަށަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީކުރަމުން އަންނަ ރަށެވެ. އެރަށުގެ ބިން ހިއްކަނީ އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ރަށުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް އިރުކޮށްދިނުމަށެވެ.
ސަރުކާރުން 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރިއިރުވެސް އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އަރބަން ސެންޓަރ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށް އިތުރަށް ތަރައްޤީކޮށް އެއީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ނައިފަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އެސަރަޙައްދުގައި ބޯހިޔާވަހިކަމަށްޓަކައި ހައުސިންގ ޔުނިޓުތައް ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވެއެވެ. އާބާދީގައި 5800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ 55 ހެކްޓަރެވެ.