ހަނގުރާމައިގެ ސަބަބުން ތެޔޮ ގަންނަން ކުރަންޖެހޭ ހޭދަ އިތުރުވުމުން، އެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ފެންވަރުގައި އެކުލަވާލާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ، މިހަލާތައި ގުޅިގެން ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވެފައެވެ. މިގޮތުން މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އެކު ވަރަށް ގާތުން ރާއްޖޭގެ ރިޒާވުގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަަނީ އުފެލެމުންނެވެ. މިއާއެކު ރާއްޖެއަށްވެސް މިކަމުގެ އަސަރުކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ރިޒާވުން ޚަރަދުކުރާއިރު، ތެލުގެ އަގުބޮޑުވުމުން އެކަމަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މާލީ ވިދާޅުވިއެވެ. މިކަމުގައި ބޭރުގެ މާލީ 2 އިދާރާއަކާއި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

"އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އީއްޔެ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެއަންނަ ބައި ފައިނޭން ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިހާރު މިކަމުގެ އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށާއި، ދިވެހި ސަރުކާރުން މިކަމުގައި ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމަ ދެމިގެންދާ ހާލަތެއްގައި ދައުލަތަށް ލިބޭނެ ގެއްލުން ސަރުކާރުން ވަޒަން ކުރަމުންދާކަމަށެވެ. އެގޮތުން މިހާލަތު 1 މަސް ދުވަހަށް ދެމިގެން ގޮސްފި ނަމަ ދައުލަތުގެ އާމްދަނީއަށް 100 މިލިޔަން ޑޮލަރުގެ ގެއްލުންވާނެކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާ ނަމަ، އަޅުގަނޑުމެންނަަށް މި ލަފާ ކުރެވެނީ، 80 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދު އާމްދަނީ ދަށްވުމެއް އަންނާނެ ކަމަށް. އެއީ ސީދާ ސަރުކާރުގެ އާމްދަނީ. އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އަންދާޒާ ކޮށްފައި އަދި ވޯލްޑް ބޭންކުން އެއީ ރަނގަޅު އަދަދެއް ކަަމަށް ބުނެފައި އެބައޮތް. އެހެންވީމަ އެ ކޮމްޕެންސޭޓް ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ފައިނޭން ކުރެވޭނެ މެކޭނިޒަމްއެއް ހޯދައިގެން ދިއުން މިއޮތީ. " މާލީ ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ހަނގުރާމަ ފެށުމާއެކު ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓްވާ މެދުއިރުމަތީގެ ވައިގެ ބަނދަރުތައް ވަނީ ބަނދުވެފައެވެ. މިއާއެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3000 އިން ދަށްވެގެން ދިޔަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.