މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހައްޖުގެ އެއްވެސްކަމަކަށް ބުރޫއެއް ނާރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ހައްޖާއި އުމްރާއާ ގުޅޭ ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިއަށްއޮތް ހައްޖު އަޅުކަމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށެވެ. އެގޮތުން ހައްޖާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެކަމަށާއި އެކަމާއި ގުޅޭ އިންތިޒާމުތައްވެސް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.


ހައްޖުވެރިން މައްކާގައި/ ފޮޓޯ:ހައްޖު ކޯޕަރޭޝަން
"ހައްޖާގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ. ހައްޖާއި ގުޅޭ އިންތިޒާމުތަކުގައި އެންމެ އަވަހަށް އިންތިޒާމު ތައް ނިންމި ޤައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާވަނީ އިޝޫ ކުރެވިފައި. އެކަމޮޑޭޝަންނާއި ހައްޖާއި ގުޅޭ އަރަފާތާއި މިނާގެ ކަންކަންވެސް ވަނީ ހަމަޖެހިފައި. ހަނގުރާމައާއި ގުޅިގެން ހައްޖާއި ގުޅޭ އެއްވެސް ކަމެއްގައި އަދި ބުރުލެއް ނާރާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަމަޟާންމަހުގެ ފަހު 15ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000އަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާކަަމަށެވެ. އަދި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް ފްލައިޓްތައް ކެންސަލްވުމާއި އެ ނޫންވެސް މައްސަލަތައް ކުރިމަތިވި އުމްރާވެރިންނަށް ހައްލުތައް ހޯދައިދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ފަލައިޓްއެއް ޗާޓަރކުރުމަށްފަހު ހުރިހާ އުމްރާވެރިން ވަނީ މައްކާއަށް ފުރާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ފްލައިޓެއް ކެންސަލްވުމާއި ގުޅިގެން ރާއްޖެއަށް އެނބުރި ނާދެވިފައި ތިބި 50 އުމްރާވެރިން މާލެ ގެނައުމަށްކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އަދި އެކަމުގައިވެސް ގޮތްތަކެއް ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.