ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއަރގެ ހައިސިއްޔަތުން ޑރ. ޚަލީލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ބަރޯސާވާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތައް ދެނެގަނެ، އެ ގައުމުތަކުން ތަކެތި އިމްޕޯޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ދޭދޭ ގައުމުތަކުގެ މެދުގައި މުއާމަލާތްތައް މިހާރު ކުރެވެމުންދޭ. ހާއްސަގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ބާވަތްތައް އެއްގަމު އަދި ކަނޑުގެ މަގުން އެތެރެކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ގައުމަށް އެތެރެކުރާ ތަކެތި ރައްކާކުރެވޭނެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުސްނުވެ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed