ފިތުރު ޢީދުގެ މުނާސަބަތުގައި ބާއްވާ ޢީދު ހަވީރު ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތުން 12 ފަރާތަކުން ބައިވެރިވާނެކަމަށް މޯލްޑިވްސް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.
ފިތުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ހަވީރު ހަރަކާތް އިންތިޒާމް ކުރަނީ އެމްއެންޑީއެފްއިންނެވެ.
ޢާއިލީ ގުޅުން ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި ފިތުރު ޢީދު ފާހަގަކުރުމަށްޓަކައި "ޢީދު ހަވީރު 1447" މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތައް 3 ދުވަހަށް ކުރިއަށްދާނެއެވެ. ޢީދު ހަވީރު ހަރަކާތް ކުރިއަށްގެންދަނީ އެމްއެންޑީއެފާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވީ، މިފަހަރުގެ ޢީދު ހަރަކާތްތައް ތަފާތުވާނޭކަމަށާއި މީގެކުރީ އީދުތަކުގައި ނުފެންނަ ހަރަކާތްތަކެއް މިފަހަރު ފެނިގެންދާނެކަމަށެވެ. ޢީދު ހަވީރު ހަރަކާތުގައި އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އީދު ހަވީރު ހަރަކާތުގައި އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން 10 އެސްއޯއީއެއް ބައިވެރިވެގެންދާނެ. މި ހުރިހައި ބޭފުޅުންގެވެސް ތީމަކީ ކުޑަކުދިން ހިތް އުފާކޮށްލެވޭ އީދުގެ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތައް އެބޭފުޅުންގެ ސްޓޯލްތައް ބައްޓަންކުރެވިފައި މިހިރީ. އެކްޓިވިޓީތައްވެސް އިންތިޒާމްކުރެވިފައި މިހިރީ. އަޅުގަނޑު ދަންނަވާނީ ހަމައެކަނި ކުޑަކުދިންނެއް ނޫނޭ މުޅި އާއިލާއޭ މީގަ ބައިވެރިވާންވީ. އީދުގެ އުފާ އެންމެ ފުރިހަމައަށް ލިބޭނެ މާހައުލެއް އަޅުގަނޑުމެން މިއޮތީ ހޯދަދޭން މި މަސައްކަތް ކުރަނީ." ލެފްޓިނަންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވިއެވެ.


"ޢީދުހަވީރު 1446"ގެ ހަރަކާތްތައް / ފޮޓޯ: ޕީއެސްއެމް ނިއުސް
ސްޓެލްކޯގެ ޗީފް ސޭފްޓީ އިންޖީނިއަރ އިބްރާހިމް އަފްރާހް ވިދާޅުވީ، މިދިޔަ އަހަރުތަކުގައިވެސް ސްޓެލްކޯގެ ސްޓޯލްގައި ހުރި ހަރަކާތްތަކަށް ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ޑިމާންޑް ލިބިގެންދިޔަ ހަރަކާތްތަކާއި އަދި އިތުރު އައު ހަރަކާތްތައްވެސް މިއަހަރުގެ ސްޓޯލްއިން ފެންނާނެކަމަށެވެ.
"ބަބުލް ހައުސްއަކީ މިދިޔަ އަހަރުވެސް ކުޑަކުދިންނަށް ޚާއްސަކޮށް އަދި ތުއްތު ކުދިންނަށް ވަރަށް ހަމަ މަޖާ ޝައުގުވެރިވެގެންދިޔަ ހަރަކާތެއް. ބަބުލް ހައުސްއަށް ވަދެފިއްޔާ ހަވީރުއެއްކޮށް އެބަ ހޭދަކޮށްލާ ބަބުލް ހައުސްތެރޭގައި. ބަބުލް ހައުސްއަކީ ވަރަށް ޝައުގުވެރިކަން ލިބުނު އެއް ހަރަކާތެއް. އޭގެ އިތުރަށް އަޅުގަނޑުމެން އަދި އިތުރުކޮށްލަން ވޯޓެކްސް ކިޔާ ހަރަކާތެއް. މިއަކީ އޮބްސްޓިކަލް ކޯހެއް ގޮތައް ރޭވިފައި އެކަމަކުވެސް ކޮންޓްރޯލް ސޭފް އެންވަޔަރަމަންޓެއްގައި ރޭވިފައިވާ ހަރަކާތެއް. މިއަށްވެސް ވަރަށް ބޮޑު ޑިމާންޑެއް ދިޔަ." އިބްރާހިމް އަފްރާހް ވިދާޅުވިއެވެ.
ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްދާނެއެވެ. އެއީ އީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ. މީގެއިތުރުން ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް، އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްދާނެއެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭގޮތަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށެވެ.