ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި އަންހެނުންގެ ހިތްވަރާއި، ޙިކުމަތްތެރިކަމާއި، އޯގާތެރިކަމުގެ އަގު ވަޒަންކޮށް އިޚްލާޞްތެރިކަމާއެކު އެކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން އަންހެނުންނަކީ އާއިލާތައް ބާރުވެރި ކުރުވައި، މުޖުތަމަޢަށް މަގުދައްކައި، ޤައުމަށް އުއްމީދު ދިރުވައިދޭ މައިންނާއި، ދަރިންނާއި، އުޚުތުންގެ އިތުރުން ނަމޫނާ ލީޑަރުންތަކެއް ކަަމަށެވެ. އަދި ކަނބަލުންގެ ވިސްނުމާއި ފިކުރަކީ، މުސްތަޤްބަލު ބައްޓަން ކުރުމުގެ މައިގަނޑު އަސާސް ކަމުގައި މެޑަމް ވިދާޅުވިއެވެ.
On this International Women’s Day, I celebrate the strength, wisdom, and compassion of Maldivian women who are mothers, daughters, sisters, and leaders who nurture our families, guide our communities, and inspire our nation. Your voices shape our future.
Let us ensure every…pic.twitter.com/beSZomGp9l— First Lady Sajidha Mohamed (@sajidhaamohamed)March 8, 2026
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށް އިންސާނީ ކަރާމާތާއި، ހަމަހަމަ ފުރުޞަތުތަކާއި، އިންޞާފު ކަށަވަރު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެންމެންގެ އަމާޒަކަށް ވާންވީ، އިންސާނާގެ ހުވަފެންތަކަކީ ވަކި ޖިންސަކަށް ވީތީ ހަނިކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އަދުލުވެރި ކަމާއި އިޙްތިރާމާއެކު އެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަގުފަހިވެފައިވާ މުޖުތަމަޢެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް އދ.އިން ކަނޑައަޅާފައިވާ ޝިއާރަކީ ރައިޓްސް، ޖަސްޓިސް ފޯރ އޯލް ވުމެން އެންޑް ގާރލްސްއެވެ.
އަންހެނުގެ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދަޢުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. ތާރީޚަށް ބަލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ، 1911 ވަނަ އަހަރުއެވެ.