ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާއިން މުސްޙަފް ހަދިޔާ ކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެ.

މުސްޙަފް ފޯރުކޮށްދިން މިސްކިތްތައް:
- މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)
- މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)
- މަސްޖިދުއް ތަޢުބާ (ނ. މަނަދޫ)
- މަސްޖިދު ރައްޔާން (ސ. މަރަދޫ)
- މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)
- މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)
- ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)
- މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)
- މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)
- މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)
- މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)
- މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)
- މަސްޖިދުލް ސަލާމް (ލ. ގަން)
- މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)

މި ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާ ކުރި މުސްޙަފް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. 2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ، ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ، ކީރިތި ޤުރުއާން ހިތުދަސް ކުރާ ކުލާސްތަކަށާއި، މިސްކިތްތަކަށާއި، އިސްލާމީ މަރުކަޒުތަކަށެވެ. އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް ވުޒާރާއިން އަންނަނީ މި މުސްޙަފްތައް ހަދިޔާ ކުރަމުންނެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގެ ޤުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމްތަކާއި، ހިލޭ ސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ރާއްޖޭގައި ފުޅާކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިމަޝްރޫޢު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އެވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަޢުދީ ސަރުކާރުން ހަދިޔާ ކުރި މުސްހަފްތަކަކީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވޭނެ މުސްޙަފްތަކެއްކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.