ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިކަމާގުޅޭ އުޞޫލު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވަނީ މަރޗް 4 ވަނަ ދުވަހުއެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް އޮތްނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އޮތް ޝަކުވާއަށް ޙައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމުމެކެވެ. މިކަމަކީ ގިނަ ރައްޔިތުންވެސް އެދެމުންދާ ކަމެކެވެ.
"ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ.
ފޯމު ހުށައެޅެނީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.
އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައި
އިއުލާނު:https://t.co/mrhGagQhsF
ފޯމު ހުށަހެޅުމަށް:https://t.co/RmhurERkNapic.twitter.com/oIAJthdbC0— Ministry of Construction, Housing & Infrastructure (@MoCImv)March 8, 2026
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށެވެ. މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއެވެ.
ކުރިން އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް މިފުރުޞަތުގައި ކުރިމަތިލެވޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
"ގޯތި ގެދޮރު" ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ހަމައެކަނި ގޯތި ކުރިމަތިލުމުގެ ފުރުޞަތަށެވެ. މިކަމާ ގުޅޭ އުސޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލާއި ޕޮއިންޓްދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލްތައްވެސް ގެޒެޓުގައި ވަނީ އާއްމުކޮށްފައެވެ.