ހަކުރުން ސަބްސިޑީ ކަނޑާލާ، ހަކުރުން ޓެކްސް ނެގުމާއި ރާއްޖޭގައި ޝީޝާ މަނާކުރުމާއި ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތުގެ ދަށުން ވަކި ނިޒާމެއްގެ ތެރެއިން މިހާތަނަށްވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފަވާކަމަށެވެ.

އެގޮތުން ދުންފަތުގެ ޓެކްސް ބޮޑުކުރުމާއި ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭންއަކީ މިހާތަނަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަރަށް ބޮޑަށް ގުޅުންހުރި ކަންކަމަށްވާތީ، މިކަންކަމަށް ބަދަލު ގެނެވެނީ އާއްމުންގެ މެދުގައި ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ހިމަނައިގެން ޝީޝާ ހުއްޓުވުމާއި ހަކުރު ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅު އެޅުމަށް މަޝްވަރާކުރަމުންދާކަމަށެވެ. ހޯދުންތަކުން ދައްކާގޮތުގައި ހަކުރަކީ ތަފާތު އެކި ސިއްޙީ މައްސަލަތަކަށް ހުށައެޅޭ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންކަމުން ހަކުރު ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅު އެޅޭނީ ސިޔާސަތުތަކަށް ބަދަލު ގެނެސްގެންކަމުގައިވާތީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމާމެދު ދެކޭގޮތް ހޯދުމަށް ކަމާގުޅުންހުރި މުއައްސަސާތަކާ އިދާރާތަކާއެކު މަޝްވަރާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ސިއްޙީ ވުޒާރާގެ ނިންމުމަކަށް ނުހެދޭނެ. މިއީ މަލްޓި ސެކްޓޯރަލް މަޝްވަރާތަކަކަށް ގޮސްގެން ނިންމޭނި ކަމެއް. އެންމެ މުހިއްމީ ރައްޔިތުން މީގެ ނުރައްކަލަށް ހޭލުންތެރިވުން. މަލްޓި ސެކްޓޯރަލް މަޝްވަރާތަކާއެކު އެކަމަށް ޙައްލެއް ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަކުރަން." ވަޒީރު ވިދާޅުވިއެވެ.

ހަކުރުން ސަބްސިޑީ ކަނޑާލާ، ޓެކްސްނެގުމަށް މަޝްވަރާކުރަނީ
ހަކުރުން ސަބްސިޑީ ކަނޑާލާ، ޓެކްސްނެގުމަށް މަޝްވަރާކުރަނީ

ވަޒީރު ވިދާޅުވީ މިފަދަ ނިންމުންތަކަކީ ޙާލަތާ ވަގުތުގެ ގޮތުން ގޮތް ނިންމޭ ކަންކަންކަމަށެވެ. އެއާއި މެދު މިހާތަނަށް ގޮތެއް ނިންމާފައި ނެތްނަމަވެސް، މިއީ އާއްމު ސިއްޙަތާ ގުޅުންހުރި ކަމަކަށްވާތީ، ވަރަށް ފުޅާކޮށް މަޝްވަރާކުރަމުންދާ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަކުރު ބޭނުންކުރުމަކީ އޭގެ ޒާތުގައި ބޮޑެތި ބަލިތަކަށް ހުށައެޅޭ އެންމެ ބޮޑު އެއް ކަމެވެ. އެގޮތުން އޮބޭސިޓީއާއި ހިތުގެ ބަލިތަކާއި ކިޑްނީ، ލިވަރ އަދި ހަށިގަނޑުގައި އިންސިއުލިން އިމްބެލެންސްވުންފަދަ، ގައިންގަޔަށް ނާރާ ބޮޑެތި ސިއްޙީ މައްސަލަތަކަށް ހުށައެޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

ރާއްޖެއަށް ބަލަލާއިރުވެސް، ރާއްޖޭގައި މަރުވާ މީހުންގެ %80އަށްވުރެ ގިނަ މީހުންނަކީ ގައިގަންގަޔަށް ނަރާ އެކި ބަލިތަކުގައި މަރުވާ މީހުންނެވެ.