ފޯޅަވައްސަށް މޯރިޝަސްއަށް ވުރެ ހައްޤުން ބޮޑީ ރާއްޖެއަށް ކަމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

މޮރިޝަސްއަށް ފޯޅަވަހީގެ ޖަޒީރާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމައިވާ މައްސަލާގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު ފަރާޖް ވަނީ އެއްބަސްވުން މަޑުޖައްސަލާން ގޮވާލައްވާފައެވެ. ފަރާޖް ވިދާޅުވީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް، މޯރިޝަސްއަށް ސިޔާދަތީ އެއްވެސް ހައްޤެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވަނީ މި ރަށްތަކަކީ ތަރީޚީ ގޮތުންވެސް، ސަޤާފީ ގޮތުންވެސް މޮރިޝަސްއާއި ބެހޭ ތަނެއް ނޫން ކަމަށް ބުނެފައެވެ. އަދި އެރަށްތަކަށް ދިވެހިން ކިޔަމުން އައި ނަން ބަދަލުކުރީ ފަރަންސޭސިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެރަށްތައް ދިވެހިންނާއި ތަރީޚީ ގޮތުން އަދި ވިޔަފާރީގެ ގޮތުންވެސް ގުޅިފައިވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އިނގިރޭސި ސަރުކާރުގެ މައުލޫމާތުތަށްޓަކައި ދަންނަވާލަން. ދާދި އަވަހަށް ކުޑަދުވަސްކޮޅެއްގައި ތެރޭގައި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭއަށް)، މި ރަށްތަކުގެ ސިޔާދަތީ ބާރު އޮންނަންވާނީ ރާއްޖެއަށް އެކަނި ކަމަށް ބުނެ މައްސަލަ ހުށަހަޅާނެ. އެހެންވީމަ އަޅުގަނޑު ގޮވާލަން މި ކަންތައް މަޑުޖައްސަލާން" ފަރާޖް ވިދާޅުވިއެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު، ފޯޅަވަހީގެ މިލްކުވެރިކަމުގެ ހައްޤު އޮތީ ރާއްޖެއަށްކަމަށް ވިދާޅުވެފައިވާއިރު މިމައްސަލާގައި ފޯޅަވަހި ޖަޒީރާ ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ މިމައްސަލާގައި އިންގިރޭސި ސަރުކާރާއި މަޝްވަރާކުރައްވާނެ ކަމަށާއި، ކުރީ ސަރުކާރުގެ ނިންމުން ގަބޫލުނުކުރައްވާ ކަމާއި ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންގޮސްފައިވާކަން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އެބައި އަނބުރާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކުލަވައިލި ވިލަރެސް ކޮމިޓީގެ ރިޕޯޓަށް ރިއާޔަތް ކުރައްވައި ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފައިވާކަން ހާމަކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފޮޅަވައްސާއި ރާއްޖެއާ ދެމެދު ތާރީޚީ ގުޅުންތަކެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއްކަމަށާއި، އެހެން އެއްވެސް ޤައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރީޝަސްއިން ދައުވާކުރާއިރު، އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.